މިމަހު 24 ވަނަ ދުވަހު އޮލިންޕަހުގައި އަޅުވާ ދިވެހި ފިލްމު "ރޭވުމުން"ގައި އަދާކޮށްފައިވާނީ ވަރަށް ޗެލެންޖިން ރޯލެއް ކަމަށާއި، ފިލްމުގެ މަސައްކަތާއެކު ވަރަށް ގިނަ އެކްސްޕީރިއަންސް ލިބުނުކަމުގައި އެ ފިލްމުގެ ބަތަލާ ނާޖިހާ ޢަޒޫރު (ނާ) ބުނެފިއެވެ.

ކ. ހިންމަފުއްޓަށް އުފަން ނާ ބުނީ އަލަށް ނުކުންނަ ކުއްޖަކަށް މިކަހަލަ ޗެލެންޖިން ފިލްމެއްގެ ލީޑް ރޯލުން ފުރުސަތު ލިބުމަކީ ކުރިއަށް ދާން ލިބޭ ވަރަށްބޮޑު ހިތްވަރެއް ކަމަށާއި، މިއީ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ.

"މީ ހުސް އެކްސްޕީރިއަންސް. މީ ވަރަށްބޮޑު ހިތްވަރެއް. ނާ ފުރަތަމަ ޖެހިލުންވިދޯ މިރޯލަށް. އެކަމަކު ޑޭ ވަންގަ ވެސް ސްކްރީން ޓެސްޓް ހަދާފަ ޝާޒް (ތަޖޫ) ބުނި ނާއޭ، ނާގެ އެ ޓެލެންޓް އެބަހުއްޓޭ ނާގެ ހިތްވަރެކޭ ދެން އޮންނާނީ މަސައްކަތް ކޮށްދޭނަމޭ. މެތަޑް އެކްޓިންއޭ ހައްދާނީ. ދެން އަޅުގަނޑު 'ރޭވުމުން' ޓީމާއެކު މަސައްކަތް ފެށީ. މަނިކުވެސް ވަރަށް ހެލްޕްފުލް. އަސްލު މަނިކުމެންނަކީ ވަރަށް މޮޅެތިމީހުންދޯ؟ މަނިކުގެ ފަރާތުންވެސް ވަރަށް ގިނައެއްޗެހި އެނގުނު،" އޭނާ ބުންޏެވެ.

ރޭވުމުންގެ ޝޫޓިންގެ ތެރެއިން--- ފޮޓޯ: ފޭސްބުކް

ނާ އާއި މަނިކުގެ އިތުރުން މިފިލްމުގެ މުހިންމު ރޯލުތަކުން ޝަކީލާ، ފައުޒިއްޔާ، ރޯނު ހަސަންމަނިކު، އަދި ބައޯ ވެސް ފެންނާނެއެވެ.

އެތަރިންނާ ބެހޭގޮތުން ނާ ބުނީ ފިލްމުގެ މުޅި ކްރޫވެސް ވަރަށް ހިތްވަރުދިން ކަމަށެވެ.

"ނާ ނޫޅޭ ބައެއް ސީން ޝޫޓުކުރިއިރުވެސް ނާ ހުންނަން ހެލްޕް ވާން. އެމީހުންގެ ފަރާތުންވެސް ވަރަށް ގިނައެއްޗެހި ދަސްވި، އެމީހުންގެ ޑައިލޮގް ޑެލިވަރީ އެއްޗެހިވެސް ވަރަށް ސަޅި. ނާ އަށް ޝަކިއްތަމެން މީސްމީހުންގެ އެހީތެރިކަންވެސް ލިބުނު. އެންމެ މުހިންމު އެއްޗަކީ ފިލްމުގެ ޑައިރެކްޓަރ އަމްޖަދު އަޅުގަނޑަށް ކުރި އިތުބާރު،" ނާ ބުންޏެވެ.

ރޭވުމުންގެ ތަޖުރިބާ "ސަން" އާ ހިއްސާކުރަމުން ނާ ވަނީ މަޝްހޫރު ކޮމޭޑިއަން ޝާޒްގެ ކިބައިން ފެނުނު ހާއްސަ ކަމަކާ ބެހޭގޮތުން ވެސް ވާހަކަދައްކައިފައެވެ.

"ދެން ތަޖޫ ކުޅުނު ބައި. ނާމެން ކުޑައިރުވެސް ތަޖޫ ދެކެނީ ކޮމެޑީ ބައިކުޅޭތީދޯ. މިފިލްމުގައި ވަރަށް ސީރިއަސް. އެއީ މުޅިން އެހެން މީހެއް. އެ ބައިވެސް ވަރަށް ސަޅި،"

ރޭވުމުންގެ ބަޠަލާ ނާޖިހާ އަރޫޒު (ނ) --- ފޮޓޯ: ފޭސްބުކް

ފަންސާހަށްވުރެ ގިނަ ފިލްމް ޑައިރެކްޓް ކުރި އަމްޖަދު އިބްރާހިމްގެ މި ފިލްމާ މެދު ނާގެ އުންމީދުތަކެއް ވެސް އެބަހުއްޓެވެ.

"ވަރަށް ވަރަށް ޗެލެންޖިން މަސައްކަތެއް މިކުރީ. ނާގެ ބެސްޓް ދިނިން މިފިލްމަށް. ނާ ހަމަ އަސްލު ރޮއިފަ ހުންނާނީ. އަސްލު ހޭންވެސް ޖެހެނީ. މީ ހަމަ ބިރުވެރި ސަޅި ފިލްމެއް. ހީވޭ މީހުންނަށް ހަމަ ވަރަށް ކަމުދާނެހެން. މި ފިލްމު ބަލާފައި ނާއަށް އެކްޓްކުރެއްވިއްޖެ ކަމަށް މީހުންނަށް ގަބޫލުކުރެވުނީމަ އެ ނިމުނީ."

ބިރާއި ލޯބި މައިގަނޑު އަސްލަކަށް ހިމަނައިގެން އަމްޖަދު، މަނިކު އަދި ޝާޒް ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެރޭ އޮލިމްޕަހުގައެވެ.