ޕީއެސްޖީގެ ފްރާންސް ވިންގާ، ކިލިއަން އެމްބާޕޭއަށްވެސް އަނިޔާވެ އެ ކްލަބަށް އިތުރު ހާސްކަން ކުރިމަތިވެއްޖެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީއާ ގުޅުނު ނޭމާއަށްވެސް އަނިޔާވެފައިވާއިރު، ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

ރޭ ޕީއެސްޖީން ފްރެންޗް ކަޕުގެ ކުއާޓާ ފައިނަލްގައ މާސޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު، ޓީމަށް މާޔޫސްކަން ގެނުވީ ފުރަތަމަ ހާފްގައި އެމްބާޕޭއަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

އެމްބާޕޭގެ އަނިޔާއާ ގުޅިގެން އިތުރު ތަފްސީލުތައް ޕީއެސްޖީން އަދި ހާމަކޮށްފައިނުވެއެވެ. އެހެން ނަމަވެސް މެޗަށްފަހު ޕީއެސްޖީގެ ކޯޗު އުނައި އެމްރޭ ބުނެފައިވަނީ އެމްބާޕޭގެ ފައިގެ ކުޑަހުޅަށް އަނިޔާއެއް ލިބިފައިވާ ކަމަށެވެ. އަދި އަނިޔާގެ ކުޑަ ބޮޑުމިން ނޭނގޭ ކަމަށާއި، އުންމީދު ކުރަނީ އަނިޔާ ސީރިއަސް ނުވާނެ ކަމަށް ކަމަށްވެސް އެމްރޭ ބުންޏެވެ.

ޕީއެސްޖީ އަދި ރެއާލް ވާދަކުރި ފުރަތަމަ ލެގު، 3-1 ގެ ނަތީޖާއަކުން ރެއާލް ކާމިޔާބުކުރިއިރު، އަންނަ ހަފްތާގައި އެ ދެޓީމު ނުކުންނާނީ ޕީއެސްޖީގެ ދަނޑުގައެވެ. އެ މެޗުގައި ޕީއެސްޖީގެ ތަރި، ނޭމާއަށް ނުކުޅެވުމަކީ ޕީއެސްޖީއަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.

ރޭ ކުޅުނު ފްރެންޗް ކަޕުގެ ކުއާޓާ ފައިނަލް މެޗު ކާމިޔާބުކޮށް، ޕީއެސްޖީވަނީ ސެމީއަށް ދަތުރުކޮށްފައެވެ. ރޭގެ މެޗުގައި ޕީއެސްޖީގެ ވިންގާ އެންހަލް ޑިމަރިއާ ދެ ގޯލް ޖަހާފައިވާއިރު، އެޑިސަން ކަވާނީވެސް ވަނީ ގޯލް ޖަހައިފައެވެ.