01 Mar 2018, 18:15
ދަނޑު ބޭރުން ބައެއް ފަހަރު ގޯސްތަކެއް ހެދިދާނު ނަމަވެސް ދަނޑު މަތީގައި ދައްކާ ކުޅުން އަބަދުވެސް ދައްކާނީ ރަނގަޅަށް ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ތަރި އެންޓޮއިން ގްރީޒްމަން ބުނެފިއެވެ.
އެންމެފަހުން ލާލީގާގައި އެތުލެޓިކޯއިން ކުޅުނު ދެ މެޗުގައި ގްރީޒަމަން ހަތް ގޯލް ޖަހައިފައިވާއިރު، އޭގެ ކުރިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުންގެ ފަރާތުން ގްރީޒްމަންއަށްވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އެ މެޗުގައި އެތުލެޓިކޯއިން 1-0 ގެ ހަނި ނަތީޖާއަކުން ލީޑު ކުރަމުންދަނިކޮށް ގްރީޒްމަންއަށް ލިބުނު ބޯޅައެއްގައި ކައުންޓާ އެޓޭކް ލަސްކޮށް ވަގުތު ދުއްވަން މަސައްކަތް ކުރިކަމަށް ބުނެ، ސަޕޯޓަރުންވަނީ އޭނާއަށް ފާޑު ކިޔާފައެވެ. ސަޕޯޓަރުންގެ ފާޑު ކިޔުމަށް ގްރީޒްމަންވަނީ މެޗު ތެރެއިންވެސް ރައްދު ދީފައެވެ. ގްރީޒްމަންގެ އިގިލި އަނގަމަތީގައި އަޅައި، ސަޕޯޓަރުންގެ އަޑު މަޑު ކުރުމަށް ބުނެފައިވާއިރު، އޭނާވަނީ ފަހުން އެކަމަށް މައާފަށްވެސް އެދިފައެވެ.
މިދިޔަ ފިނި މޫސުމާއި ހޫނު މުސުމުގެ ޓްރާންސްފާގައިވެސް އެތުލެޓިކޯ ދޫކޮށްލަން ގްރީޒްމަން މަސައްކަތްކޮށްފައިވާއިރު ސަޕޯޓަރުންނާ އޭނާއާ ދެމެދު އޭރުއްސުރެވަނީ ހިތްނުތަނަވަސްކަން އުފެދިފައެވެ.
މިދިޔަ ހަފްތާގައި އެތުލެޓިކޯއިން 5-2 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކުރި މެޗުގައި ގްރީޒްމަންވަނީ ހެޓްރިކް ހަދާފައެވެ. އަދި ރޭގެ މެޗުގައި ލެގާނޭސް ކޮޅަށް އެތުލެޓިކޯއިން ޖެހި ހަތަރު ގޯލްވެސް ޖެހީ ގްރީޒްމަންއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ގްރީޒްމަން ބުނީ އޭނާ އަބަދުވެސް ބޭނުންވަނީ އެތުލެޓިކޯގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށާއި، ސަޕޯޓަރުން އެކަން ބަލައިގަތުމަށް އެދޭ ކަމަށެވެ.
އަމިއްލަ ދިރިއުޅުމުގައި ގޯސްތަކެއް ހެދުނު ނަމަވެސް ދަނޑު މަތީގައި އަބަދުވެސް ކަން ކުރާނީ ރަނގަޅަށް ކަމަށްވެސް ގްރީޒްމަންވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނީ އެންމެ ބޮޑަށް ބޭނުންވަނީ ސަޕޯޓަރުންގެ އެއްބާރުލުން ކަމަށާއި، ޓާގެޓަކީ ލީގުގައި ބާކީ އޮތް 13 މެޗުންވެސް މޮޅުވުން ކަމަށެވެ.
ލަލީގާ ތާވަލުގެ ދެވަނައިގައި އެތުލެޓިކޯ އޮތްއިރު އަންނަ ހަފްތާގައި އެޓީމު ނުކުންނާނީ އެއްވަނައިގައި އޮތް ވަރުގަދަ ބާސެލޯނާއާ ދެކޮޅަށެވެ.