01 Mar 2018, 16:27
މިދިޔަ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ރާއްޖޭގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ގައުމުތަކުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީތައް ލުއިކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އަދި ވެސް ރާއްޖޭގައި ދަމަހައްޓާފައިވާއިރު އެކަމުގެ ސަބަބުން ގައުމުތަކުން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ޗައިނާ އަދި އިތުރު ބައެއް ގައުމުތައް ވެސް ހިމެނޭ ގޮތަށް އޭރު ނެރުނު ޓްރެވަލް އެޑްވައިޒަރީތައް ލުއިކޮށްފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ޗައިނާ އިން އޭރު ނެރުނު ޓްރެވަލް އެޑްވައިޒަރީ ވަރަށް ބޮޑަށް ލުއިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ޗައިނާ އިން އެހެން ގައުމުތަކާ ހިލާފަށް ކުރިން ނެރެފައި މިއޮތީ އޭރު އުފެދުނު ހަމަނުޖެހުންތަކާ އެކު އެއްގޮތަކަށް ވެސް ރާއްޖެއަށް ޒިޔާރާތް ކުރުން ރައްކާތެރި ނޫން ކަމަށް. ނަމަވެސް މިހާރު ވަނީ އެނިންމުން ބަދަލުކޮށް ލުއިކޮށްދެއްވާފައި." މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ޗައިނާ އިން މިހާރު ހަމަ އެކަނި ޓްރެވަލް އެޑްވައިޒަރީ ނެރެފައި ވަނީ މާލެ ހިމެނޭ ސަރަހައްދުތަކަށް ކަމަށާއި ވަރަށް އަވަހަށް އެ އެޑްވައިޒަރީ ވެސް އަނބުރާ ގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމަށް ވާއިރު އެ ގައުމުން ޓްރެވަލް އެޑްވައިޒަރީ ލުއި ކުރުމަކީ ހެޔޮފާލެއް ކަމަށެވެ.
ޒަމީރު ވިދާޅުވީ އެހެން ގައުމުތަކުން ރާއްޖެއަށް ނެރެފައި ވަނީ އާންމުކޮށް ވެސް ނެރޭ ޓްރެވަލް އެޑްވައިޒަރީތައް ކަމަށާއި ނަމަވެސް މަޑުމަޑުން އެ ޓްރެވަލް އެޑްވައިޒަރީތައް ލުއި ކުރަމުންދާ ކަމަށެވެ.