އިންޑިއާގެ މީޑިއާއަކުން ރިޕޯޓު ކުރި ގޮތާ ހިލާފަށް، ޗައިނާ އިން ރާއްޖޭގައި އޯޝަން އޮބްޒަވޭޓަރީއެއް އެޅުމުގައި އަސްކަރީ މަގުސަދެއް ނެތް ކަމަށް ޗައިނާގެ އެނެލިސްޓުން ބުނެފި އެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީއަށް ނިސްބަތްވާ ގްލޯބަލް ޓައިމްސް އިން އެފަދައިން ބުނެފައި ވަނީ ހޯމަ ދުވަހު ޓައިމްސް އޮފް އިންޑިއާގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެންނެވެ. އެލިޔުމުގައިވާ ގޮތުން ޗައިނާ އިން ރާއްޖޭގައި އަޅާ އޯޝަން އޮބްޒަވޭޝަން ސްޓޭޝަނުގައި ސަބްމެރިން މަރުކަޒު ފަދަ އަސްކަރީ ބައިތައް ހިމެނޭނެ އެވެ.

އަދި ހދ. މަކުނުދޫގައި އެސްޓޭޝަން އަޅަނީ އިންޑިއާ ކަނޑާ ގާތުގައި ކަމުން އެއީ ކަންބޮޑުވުން އުފެދޭ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖެއާ އެކު އޮންނަ ގުޅުމަށް ވެސް އަސަރުކޮށްފާނެ ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.

ނަމަވެސް ޗައިނާގެ އިންޓަނޭޝަނަލް ރިލޭޝަންސް އެނެލިސްޓަކު ވިދާޅުވި ގޮތުގައި އިންޑިއާ އިން އެއޮބްޒަވޭޓަރީގެ ވާހަކަ ބޮޑުކޮށްގެން ދައްކަނީ އެގައުމުން ހަސަދަވެރިވާތީ އެވެ.

"ކަނޑުމަތީގެ ކަންކަމުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގައި އަސްކަރީ މަގުދަސެއް ނެތް. އިންޑިއާގެ މީޑިއާ އިން އެކަން ބޮޑުކޮށްގެން ރިޕޯޓު ކުރަނީ ދެކުނު އޭޝިއާގެ ގައުމުތަކާއި ޗައިނާއާ ދެމެދު އޮތް ގުޅުމާ މެދު އެގައުމުން ހަސަދަވެރި ވާތީ،" އެނެލިސްޓު ވިދާޅުވި އެވެ.

އަދި ދެކުނު އޭޝިއާގެ ގައުމުތަކާ އެކު ޗައިނާ އިން މަސައްކަތް ކުރުމުން އިންޑިއާ އިން ދެކެނީ، ޗައިނާ އިން އޭޝިއާގެ ގައުމުތައް ހިސާރުކުރުން ކަމަށް ވެސް ޗައިނާ އިން ބުންޏެވެ. ނަމަވެސް ހަގީގަތީ އިންޑިއާ އިން ދެކެނީ އޭޝިޔާގެ ގައުމުތަކަކީ އިންޑިއާގެ ބެކްޔާޑު ކަމަށް ވެސް ޗައިނާގެ އެނެލިސްޓު ވިދާޅުވި އެވެ.

އަދި ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވާ ދަނޑިވަޅެއްގައި އިންޑިއާއިން އެފަދައިން ރިޕޯޓު ކުރަމުން ދަނީ ދިވެހިން ޗައިނާއާ މެދު ދެކޭ ގޮތް ބަދަލު ކުރަން ކަމަށް ޝަންހާއީ އިންސްޓްޓިއުޓް ފޯ އިންޓަނޭޝަނަލް ސްޓަޑީސްގެ ޑިރެކްޓަރަކު ވިދާޅުވި އެވެ.

ޗައިނާ އިން ރާއްޖޭގައި އޯޝަން އޮބްޒަވޭޓަރީއެއް އަޅަން އެއްބަސްވީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގަ އެވެ. އެއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑްމިނިސްޓްރޭޓަރ އޮފް ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން ވަންގް ހޮންގް އެވެ.