ޓްރިޕޮލީ (އޮގަސްޓް23) : ޤައްޒާފީގެ ފިރިހެން ދަރިކަލުން ސައިފުލްއިސްލާމް ހައްޔަރު ކުރެވިފައިވާ ކަމަށް ލީބިޔާގެ ހަނގުރާމަވެރިން ބުނެފައިވީ ނަމަވެސް ޓްރިޕޮލީގެ ބާބުލްޢަޒީޒިއްޔާ ސަރަޙައްދުން ރޭ ސައިފުލްއިސްލާމް ފެނިފައިވާ ކަމަށް ޓްރިޕޮލިގައި ތިއްބަވާ ބޭރުގެ މުރާސިލުން ބުނެފި އެވެ.

ބޭރުގެ މުރާސިލުންނާ ޙަވާލާދީ ޚަބަރުފަތުރާ ވަސީލަތްތައް ބުނިގޮތުގައި ސައިފުލްއިސްލާމް ފެނިފައިވަނީ ގައްޒާފީއަށް ވަފާތެރި ސިފައިންނާއެކު އެމީހުންގެ ޙިމާޔަތުގައި ބާބުލްޢަޒީޒިއްޔާގެ ކޭންޕްގެ ކައިރިންނެވެ. މިއީ ގައްޒާފީއަށް ވަފާތެރި ސިފައިންނާއި ލީބިޔާގެ ހަނގުރާމަވެރިންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ ސަރަޙައްދެކެވެ.

މިސަރަޙައްދު ފިޔަވައި ޓްރިޕޮލީގެ އެހެން ހުރިހާ ސަރަޙައްދުތަކެއް ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާ ކަމަށް ހަނގުރާމަވެރިންގެ ކޮމާންޑަރުން ބުނެއެވެ. ސައިފުލްއިސްލާމް ހައްޔަރު ކުރެވުނުކަމާއި އޭނާ ބަހައްޓާފައިވަނީ ގޭ ބަންދުގައި ކަމަށް ލިބިޔާގެ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް އިއްޔެ ކަށަވަރު ކޮށްދެއްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލް ލުއިސް އޮކަމްބޯވެސްވަނީ ސައިފުލްއިސްލާމް ހައްޔަރު ކުރެވިފައިވާ ކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އޮކަމްބޯވަނީ ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ތުހުމަތުގައި ކަމަށް ވިދާޅުވެ ސައިފުލްއިސްލާމް ހައްޔަރު ކުރުމުގެ އަމުރެއް ނެރުއްވާފައެވެ. ސައިފުލްއިސްލާމަށް ވީގޮތެއް ލިބިޔާގެ އިންތިޤާލީ މަޖިލީހުން ހާމަކޮށްފައެއްނުވެއެވެ. އަނެއްކޮޅުން ގައްޒާފީގެ ދޮށީ ފިރިހެން ދަރިކަލުން މުޙައްމަދުވެސް ވަނީ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި ގޭ ބންދުގައި ހުންނަވަނިކޮށް ރޭގެ ވަގުތެއްގައި ފިއްލަވާފައެވެ. އޭނާ ފިއްލެވީ ގައްޒާފީއަށް ވަފާތެރި ސިފައިންގެ އެހީގައި ކަމަށް ޚަބަރު ލިބެއެވެ. (ނޫސްއެޖެންސީތައް)