01 Mar 2018, 16:21
މާލެ އަދި ވިލިމާލެ މަގުތަކާއި ޢާއްމު އިޖްތިމާޢީ ސަރަޙައްދުތަކުން ކުނި ނަގައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯ އާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް މީގެ ކުރިން ކުރީ ހައުސިންގް މިނިސްޓްރީ އިންނެވެ. އެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ އެ މަސައްކަތް ވެމްކޯގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީ އިން މިއަދު ބުންޏެވެ.
އެ މަސައްކަތް ވެމްކޯ އާ ހަވާލުކުރުމަށް މިއަދު ވަނީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އަދި ވެމްކޯ އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެންވަޔަރަމެންޓު މިނސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޢަލީ ޢާމިރެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓާ މުޙައްމަދު އިބްރާހީމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު ޝިފާޢު އެވެ.
އެ އެއްބަސްވުމުގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތަކާއި އާންމު އިޖްތިމާއީ ސަރަޙައްދުތަކުން ކުނި ނެގުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރާނީ ވެމްކޯ އިންނެވެ. ނަމަވެސް އެކަމާ ބެހޭ އެއްބަސްވުމެއް އެކުލަވާލައި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި މާލެ އާއި ވިލި މާލެ ކުނިކަހައި އަދި ކުނި ނެގުމުގެ މަސައްކަތް ވެސް ކުރާނީ ވެމްކޯ އިން ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
އެ އެއްބަސްވުމުގެ ދަށުން އެ ތަންތަން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯ އިން ކުރާނީ ހައުސިން މިނިސްޓްރީ އިން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. އަދި އެތަންތަން ސާފުކޮށް ބަލަހައްޓާ ފެންވަރު އެމިނިސްޓްރީ އިން މޮނީޓާ ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
ވެމްކޯ އިން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޢާންމު ގޮތެއްގައި ދިވެހި މުވައްޒަފުން ލައިގެން ކޮންމެ ދުވަހަކު އެ ހުރިހާ ސަރަޙައްދުތަކެއް ކުނިކަހާ ސާފުކުރާ ގޮތަށް ކަމަށް ވެސް އެ ފަރާތްތަކުން ބުންޏެވެ.
އަންހެނުންގެ ތެރެއިން އެ ކަމުގެ ޝައުގުވެރިކަން ހުރި މީހުންނަށް އެމީހަކު ދިރިއުޅޭ ސަރަޙަދެއްގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ވަޒީފާގެ ފުރުޞަތު ލިބޭނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީ އިން ބުނެ އެވެ.
އެ ބަދަލާ އެކު އާންމު ސާފުތާހިރުކަމަށް ބޮޑު ކުރިއެރުމެއް އައިސް ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ކަމަށް ވެސް އެންވަޔަރަމެންޓުން ބުނެ އެވެ.