މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑުގެ ފައިސާ ޚަރަދުކުރި ގޮތުގެރިޕޯޓްއާންމުކޮށްފި އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީން އާންމުކޮށްފައެވާ އެރިޕޯޓު ބުނާ ގޮތުން އެ ފަންޑުގައި 660,253.26 ރުފިޔާ އެބަހުއްޓެވެ.

މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑަކީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ރިޢާޔަތްކޮށް، ގާނޫން ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ގައިވާ ގޮތުގެމަތިން އުފައްދާފައިވާ ފަންޑެކެވެ.

އެ ފަންޑަށް ލިބޭ ފައިސާ އަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާއާއި ދައުލަތަށް ނެގޭ މުދާ ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާ އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތައް އެކި ފަރާތްތަކުން ހަދިޔާ ކުރާ ފައިސާއެވެ.

އެ ފަންޑުން ހަރަދު ކުރަނީ މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމުގެ މަސައްކަތަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ޚިދުމަތް ރަނގަޅުކުރުމަށް އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ މަގުޞަދުތައް ޙާޞިލް ކުރުމަށެވެ.

އެފަންޑުން ހަރަދުކުރެވޭނެ ދެ ގޮތެއް ބަޔާންކޮށްފައިވެއެވެ. އެގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައިވާ މަޤްޞަދުތައް ޙާސިލްކުރުމުގެ މަސައްކަތްތައް ތަންފީޒުކުރާ ކޮންމެ އިދާރާއަކުންވެސް ފަންޑުން ފައިސާ ޚަރަދުކުރަން ބޭނުންވާ ކަންތަކުގެ ތަފްޞީލު ހިމެނޭ ޕްރޮޕޯސަލެއް ފަންޑުގެ ގަވަރނިންގ ބޯޑަށް ހުށަހެޅުމުން، އެހުށައެޅުން ދިރާސާކޮށް، ފަންޑުން ފައިސާ ޚަރަދުކުރުމުގެ ހުއްދަ ދެއެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑުގެ ގަވަރނިންގ ބޯޑަށް އިތުރު ހުށަހެޅުމަކާ ނުލައި، ބޯޑުގެ އަމިއްލަ އިސްނެގުމުގެ މަތިން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ފަންޑުން ޚަރަދުކުރުން ހުއްދަ ކަންކަމަށް ޚަރަދުކުރަން ކަނޑައެޅެއެވެ.