ކައިވެނި ކުރުމުގެ އެންމެ މުހިއްމު މަގުސަދުތަކުގެ ތެރޭގައި ލޯތްބާއި ހަމަޖެހުން ހޯދުމާއި، ޖަޒުބާތީ ގޮތުން ތިމާގެ ދިރިއުޅުން އެ މީހަކާ އެކު ހިއްސާ ކުރާނެ މީހަކު ހޯދުން ހިމެނެއެވެ. ވަރަށް ގިނަ މީހުންނަކީ ތިމާމެންގެ ދިރިއުޅުމުގައި އުނި ކަންތައްތަކެއް ހުރި ކަމުގެ އިހުސާސް ކުރާ މީހުންނެވެ. ރަނގަޅު ބައިވެރިޔަކު ހޯދައިގެން، އެ ބައިވެރިޔާގެ އެހީއާއެކު އެ އުނި ކަންތައްތައް ނެއްތާލަން އުއްމީދު ކުރާ މީހުންނެވެ. ވަރަށް ގިނަ މީހުން އުއްމީދު ކުރަނީ ތިމާޔަށް ލިބޭ ބައިވެރިޔާއަކީ ތިމާ "ފުރިހަމަ" ކޮށްދޭނޭ މީހަކަށް ވާނޭ ކަމަށެވެ.

ހަގީގަތަކީ އެއްވެސް މީހަކަށް، އަނެކާއަށް މި ބުނި ކަންތައްތައް ނުކޮށްދެވޭނޭ ކަމެވެ. ތިމާގެ ހުރި އުނިކަމެއް ފޫބެއްދޭނީ ތިމާޔަށެވެ. ތިމާގެ ދިރިއުޅުމުގައި ގޯސްތަކެއް ހުރި ނަމަ، އެކަން ރަނގަޅު ކުރެވޭނީ ތިމާޔަށެވެ. ތިމާ "ފުރިހަމަ ނޫން" ނަމަ، ތިމާ "ފުރިހަމަ" ކުރެވޭނީ ހަމަ ތިމާޔަށެވެ. އެއީ އެހެން މީހަކަށް ކޮށްދެވޭނޭ ކަމެއް ނޫނެވެ. އެހެންކަމުން، ޒަވާޖީ ހަޔާތުގެ ބައިވެރިޔަކު ހޯދާ އިރު، ތިބާގެ ނިޔަތަކީ އެ މީހަކު އައިސް ތިމާޔަށް ލޯބި ދީގެން، ތިމާގެ އުނިކަން ފޫބައްދައިދީގެން، ތިމާޔަށް ކަންތައްތައް ކޮށްދީގެން، ތިމާ ފުރިހަމަ ކޮށްދޭނޭ މީހަކު ހޯދުން ކަމުގައި ވާނަމަ، ތިބާޔަށް ރަނގަޅު ބައިވެރިޔަކު މި އުޑުދަށަކު ނުވެއެވެ. އެއާ ހިލާފަށް، ތިބާގެ އަމާޒަކީ ތިބާގެ ބައިވެރިޔާއާ އެކު ލޯބި ހިއްސާކޮށް، ލޯބި ދީގެން، ދިރިއުޅުމުގެ ދަތިތަކާއި މައްސަލަތައް އެކުގައި ހިއްސާކުރާނޭ މީހަކު ހޯދުން ކަމުގައި ވާ ނަމަ، މަރުހަބާ އެވެ.

ތިމާއަކީ ރަނގަޅު ބައިވެރިޔަކަށް ވާށެވެ!

"ތިމާޔަށް ރަނގަޅު ބައިވެރިޔަކީ ކާކު؟" މި ސުވާލު ކުރުމުގެ ބަދަލުގައި "ތިމާއަށް ތިމާގެ ބައިވެރިޔާއަށް ޓަކައި ރަނގަޅު މީހާ ކަމުގައި ވެވޭހޭ" މި ސުވާލު ކުރުން ކިހިނެއް ވާނެ ހެއްޔެވެ؟ ތިމާއަކީ ޒަވާޖީ ގުޅުމެއްގައި ބައިވެރިޔާއަށް ދޭނެ ލޯބި ތިމާގެ އަތުގައި ހުރި މީހެއްތޯ ސުވާލު ކުރުން ކިހިނެއް ވާނެ ހެއްޔެވެ؟

ވަރަށް ގިނަ ފަހަރު ޒަވާޖީ ގުޅުން ހަލާކު ވެ، ނިމިގެން ދާ ސަބަބަކީ ތިމާގެ ބައިވެރިޔާގެ ފަރާތުން ލިބޭނެ ކަމަށް ތިމާ އުއްމީދު ކޮށްގެން ހުންނަ ކަންތައްތައް ނުލިބުމެވެ. އެކަމަކު ހަނދާން ކުރާށެވެ. ތިމާ އަމިއްލަޔަށް ތިމާގެ ހުރި އުނިކަންތައް ފޫބައްދައި ބަރާބަރު މީހަކަށް ނުވެވޭ ނަމަ، ތިމާގެ ނަފްސާނީ އަދި ރޫހާނީ ހާލަތު ތިމާ އަމިއްލަޔަށް ރަނގަޅު ނުކުރެވޭ ނަމަ، ތިމާޔަށް ތިމާގެ ބައިވެރިޔާއަށް ލޯބި ދޭން ނޭނގޭ ނަމަ، ދެން އެހެން މީހަކަށް ތިމާގެ އުފަލަށް ޓަކައި ކޮށްދެވޭނޭ ކަމެއް ނޯންނާނެއެވެ.

ތިމާޔަށް ރަނގަޅު ބައިވެރިޔަކީ މިވަނި މީހެކޭ ކަނޑައެޅުމަކީ، ނުވަތަ ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެންމެ ފުރަތަމަ ކަމަކަށް، މީހަކީ ކާކުކަން، އޭނާއަކީ ކޮން ކަހަލަ މީހެއްކަން ދެނެގަންނަން ވެސް އެތައް މަހެއް ނަގާފާނެއެވެ. މީހެއްގެ ފަރާތުން ފެންނަ ކަންތައްތަކަކީ އޭނާގެ ހަގީގީ ސޫރަ ތޯ، ނުވަތަ އެއީ އޭނާ ބޭރަށް ދައްކާ ދޮގު ސޫރައެއް ތޯ ދެނެގަންނަން އެތައް ދުވަހެއް ނަގާފާނެއެވެ. މީހަކީ ކާކުކަން އެނގޭނީ އެތައް ތަޖުރިބާތަކެއް އެކުގައި ކުރެވުމުންނެވެ. ބޮޑެތި މައްސަލަތަކެއް ދިމާވެ، އެ މައްސަލަތަކުގައި އޭނާ އަމަލު ކުރަނީ ކިހިނެއް، ކޮން ގޮތަކަށް ކަން އެނގިފެނިވުމުންނެވެ. ބައެއް މީހުންނަކީ ވަރަށް ލޯބިން، ވަރަށް އޯގާވެރިކޮށް އުޅޭ މީހުންނެވެ. ނަމަވެސް ދެމީހުންގެ ދެމެދުގައި މައްސަލައެއް ޖެހި، ރުޅި އަންނަ ކަހަލަ ކަމެއް ވެއްޖެ ނަމަ އޭނާ ރުޅި އައިސް، ރުޅީގައި ހައްދު ފަހަނައަޅައި ހިނގައިދެއެވެ. ދެން އޭނާގެ ފޮރުވިފައިވާ "އަނދިރި ފަރާތް" ފެންނަ ގޮތް ވެއެވެ.

މައްސަލަތައް ހައްލުކުރުން

ކޮންމެ ގުޅުމެއްގައި ވެސް މައްސަލަތައް ދިމާވާނެއެވެ. އެހެންކަމުން މައްސަލަތައް ދިމާވާ ހާލަތުތަކުގައި ދެމީހުން އެކަކު އަނެކަކަށް "ހުޅުވިގެން" އެކަކު އަނެކަކާ މަޝްވަރާކޮށް، ތެދުވެރިކަމާއި، ކެތްތެރިކަމާއި މަޑުމައިތިރިކަމާ އެކު ވާހަކަ ދެކެވެން ޖެހޭނެއެވެ. އެންމެ މުހިއްމީ ތިމާގެ ބައިވެރިޔާގެ ކިބައިގައި ސިފަތަކެއް ހުންނަން ޖެހޭނެ ކަމަށް ގަބޫލުކޮށް އެކަމާ ޖަދަލުކުރުމުގެ ބަދަލުގައި ތިމާގެ ކިބައިގައި "ރަނގަޅު ބައިވެރިއެއްގެ" ކިބައިގައި ހުންނަން ޖެހޭ ސިފަތައް ހަރުލެއްވުމެވެ. އެގޮތުން ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދިނުން މުހިއްމެވެ.

ސަމާލުކަން ދޭން ޖެހޭ ކަންތައްތައް

ތިމާއަކީ ތިމާގެ ބައިވެރިޔާއަށް ކަމުދާ ކަހަލަ ޖިސްމާނީ ސިފަތަކެއް ހުރި މީހަކު ކަމުގައި ވުމަކީ މުހިއްމު ކަމެކެވެ. މި ދައްކަނީ ކޮންމެހެން ތިމާގެ ސިފަ ރީތި ކުރާ ވާހަކައެއް ނޫނެވެ. ޕްލާސްޓިކް ސާރޖަރީ ހަދައިގެން ސޫރަ ބަދަލުކުރާ ވާހަކައެއް ނޫނެވެ. ކޮންމެ މީހަކީ ވެސް ރީތި މީހެކެވެ. ތާހިރުކަމާއި، ޑީސެންޓްކޮށް ހެދުން އެޅުމާއި، މީރުވަސް ދުއްވުން ފަދަ ކަންކަމާ އެކު، ތިމާގެ ކިބައިގައި އަދަބުވެރިކަމުގެ ރީތި ސިފަތަކާއި އަހުލާގީ ރީތި ސުލޫކެއް އަށަގަންނުވައިފި ނަމަ ތިމާގެ ބުރުސޫރަ ޔޫސުފުގެފާނާ އެއްފަދަ ނުވިޔަސް، ތިމާ ރީތި ކަމުގައި ދެކޭނޭ މީހުން ފެންނާނެއެވެ.

ކޮންމެ ގުޅުމެއް ވެސް ކާމިޔާބު ވާނީ ދެމީހުންނަކީ ވެސް އެކަކު އަނެކަކަށް އަޅާލާ ދެމީހުންނަށް ވެގެންނެވެ. އެކަކު އަނެކަކާ މެދު އޯގާވެރިކޮށް، ހިތްހެޔޮކޮށް މުއާމަލާކުރަން އެނގޭ ދެމީހުންނަށް ވެގެންނެވެ. ހަމައެކަނި ލިބިގަންނަ މީހަކަށް ވުމުގެ ބަދަލުގައި، ދޭ މީހަކަށް ވެސް ވެވިގެންނެވެ. ތިބާއަކީ ބައިވެރިޔާގެ ފަރާތުން ލިބޭ ކަންތައްތައް ހޯދައިފައި، އޭނާއަށް ދޭން ޖެހޭ ކަންތައްތައް ހަނދާން ނައްތާލާ މީހެއް ނަމަ، ތިބާއަށް އެއްވެސް މީހަކާ އެކު އުފާވެރި ހަޔާތެއް ނުލިބޭނެއެވެ. އެކަކީ ވެސް ތިބާއަށް ޓަކައި "ރަނގަޅު ބައިވެރިޔަކަށް" ނުވާނެއެވެ. އެހެންކަމުން ރަނގަޅު ބައިވެރިޔަކަށް ވާން ބޭނުން ނަމަ، އަޅާލަން ދަސްކުރާށެވެ. ބައިވެރިޔާ ބަލިވެއުޅޭ ހާލަތުގައި ވެސް، ގަދަވެ ހުންނަ ހާލަތުގައި ވެސް، އުފާވެފައި ހުންނަ ހާލަތުގައި ވެސް، ދެރަވެފައި ހުންނަ ހާލަތުގައި ވެސް، ރުޅި އައިސްފައި ހުންނަ ހާލަތުގައި ވެސް، ފޫހިވެފައި ހުންނަ ހާލަތުގައި ވެސް އޭނާއާ އަޅާލާން އެނގޭ މީހެއް ކަމުގައި ވާށެވެ.

ކޮންމެ ގުޅުމެއް ވެސް ކާމިޔާބު ވާން ބޭނުންވާ އަނެއް ކަމަކީ އުފެދޭ މައްސަލަތަކުގައި ތިމާ ހުރީ ރަނގަޅު ގޮތުގައި ކަން ސާބިތުކުރަން، އަދި އެކަން ތިމާގެ ބައިވެރިޔާ ލައްވައި ގަބޫލުކުރުވަން އުޅުމުގެ ބަދަލުގައި، މައްސަލައިން ފިލާވަޅުތަކެއް ލިބިގަންނަ، ތިމާގެ ކުށް ގަބޫލުކުރާ، އަދި މައްސަލަ ހައްލުކުރުމަކީ ތިމާ ރަނގަޅު ގޮތުގައި ހުރިކަން ސާބިތު ކުރުމަށް ވުރެ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރުމުގެ ސިފަ ދެމީހުންގެ ކިބައިގައި ވެސް ހުރުމެވެ. އެހެން ނޫންނަމަ، ދެމީހުންގެ ދެމެދުގައި އުފެދޭ މައްސަލަތައް ވެގެން ދާނީ ބޮޑު އަރައިރުންގަނޑަކަށެވެ.

މީގެ އިތުރުން ވެސް ވިސްނަން ޖެހޭ ކަންތައްތައް ހުރެއެވެ. ރުޅި މަޑު ކުރުމެވެ. ތިމާގެ ގާތަށް ރުޅި އަތުވެއްޖެނަމަ، މިހިރީ ރުޅި އައިސްފައިކަން ހަނދާން ކުރުމެވެ. ރުޅީގެ ވަގުތުގައި އަދުލުވެރި ނިންމުމެއް ތިމާއަށް ނުނިންމޭނޭ ކަން ގަބޫލު ކުރުމެވެ. ރުޅި މަޑު ކުރުމެވެ. ރުޅީގެ މައްޗަށް ބުއްދި އިސްކުރުމެވެ. ބައިވެރިޔާގެ އާއިލާގެ މެންބަރުން ދެކެ ލޯބިވުމާއި، އެމީހުންނަށް އިހުތިރާމު ކުރުމެވެ. ބައިވެރިޔާއަކީ ވެސް އިންސާނެއް ކަމާއި، އޭނާގެ ކިބައިގައި ނުރަނގަޅު ސިފަތަކެއް ހުންނާނޭ ކަން ގަބޫލު ކުރުމެވެ. ދެމީހުން އެކަކު އަނެކަކަށް ވަފާތެރިވުމެވެ. ތެދުވެރިވުމެވެ. އޮޅުވައިނުލުމެވެ. މިފަދަ ސިފަތަކެއް ތިމާގެ ކިބައިގައި އަށަގަންނުވާށެވެ. ތިމާއަކީ ރަނގަޅު ބައިވެރިޔަކަށް ވާށެވެ. ތިމާގެ ޒަވާޖީ ހަޔާތް ބާއްޖަވެރި ކުރުމަށް ޓަކައި މިއަށްވުރެ މޮޅު ފަންޑިތައެއް ނޯންނާނެއެވެ. ޔަގީން ކުރާށެވެ. ތިބާގެ ޒަވާޖީ ހަޔާތުގެ ކާމިޔާބީގެ ތަޅުދަނޑި އޮންނާނީ ތިބާގެ އަތުގައެވެ. އެހެން މީހެއްގެ އަތުގައެއް ނޫނެވެ.