01 Mar 2018, 12:23
ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓު ކަމުގައިވާ ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުން ދަށްވާ މިންވަރު ކުޑަކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރަން ފަށާނެކަމަށް ޗައިނާގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.
ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކުރުމާ ގުޅިގެން ، ޗައިނާ ސަރުކާރުން ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެފައެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ކެންސަލޭޝަންތަކެއް ކުރިމަތިވި ކަމަށެވެ.
"މިކަމުގެ ކަންބޮޑުވުންތައް ޓްރެވަލް އޭޖެންސީތަކުން އެމްބަސީއާ ހިއްސާވެސް ކުރި. އެހެންނަމަވެސް، ރާއްޖެ އާ މެދު ޗައިނާ މީހުން، ޚާއްސަގޮތެއްގައި ފަތުރުވެރިން ދެކޭގޮތް ބަދަލުވެފައެއް ނުވޭ. އަދިވެސް އެމީހުން ގަބޫލު ކުރަނީ ރާއްޖެއަކީ އަމާން އަދި ސުލްހައަށް ލޯބި ކުރާ ބަޔަކު އުޅޭ ޤައުމެއްކަމަށް،" އެމްބަސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެމްބަސީން ބުނި ގޮތުގައި، ޗައިނާއިން ފުރަތަމަ ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ރާއްޖެ ނުދިއުމަށް ބާރުއެޅީ ރާއްޖޭގައި ކުއްލި ގޮތަކަށް ހަމަނުޖެހުމެއް ފެށުމުން ކަމަށެވެ.
އޭގެ އިތުރުން ޗައިނާގެ އާ އަހަރާ އެދުވަސްވަރު ދިމާވުމާއި، މިއަހަރަކީ ޗައިނާއަށް ސިޔާސީ ގޮތުން މުހިންމު އަހަރަކަށް ވާތީ، ގައުމުގެ އެއްވެސް ރައްޔިތަކު ނުރައްކަލަކަށް ހުށަހަޅަން އެސަރުކާރުން ބޭނުން ނުވީކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްބަސީން ބުންޏެވެ.
ދިވެހި އެމްބަސީން ބުނި ގޮތުގައި ޗައިނާ ސަރުކާރުން އިއްޔެ ވަނީ ރާއްޖެއަށް ނެރުނު ޓްރެވަލް އެޑްވައިޒަރީ އިސްލާހުކޮށްފައެވެ.
"ރިވައިސް ކުރެވިފައިވާ އެޑްވައިސަރީގައިވާ ގޮތުން ރާއްޖެއަށް ފަތުރުވެރިން ދިއުން އެންމެ ރަގަޅު. އެހެން ނަމަވެސް މާލެ އަދި މާލެ ސަރަޙައްދައް ނުދިއުމަށް އަންގާފައިވޭ،" އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޗައިނާގައި ހުންނަ ދިވެހި އެމްބަސީން ބުނީ ސްޓޭޓް އޮފް އެމަޖެންސީގެ ސަބަބުން ޗައިނާ މާކެޓަށް ކުރި އަސަރާއި، ކުރަމުންދާ އަސަރު ކުޑަކުރެވޭތޯ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޚާއްސަ މަސައްކަތްތަކެއް ފަށަން އެމްބަސީން ނިންމާފައިވާ ކަމަށެވެ.
"ރާއްޖެއަކީ ޗައިނާ ރައްޔިތުންނަށް ދެކުނު އޭޝިއާގައި އޮތް އެންމެ ކަމުދާ މަންޒިލުގެ ގޮތުގައި ދެމެހެއްޓުމަށް ރާއްޖެއާއި ޗައިނާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެމްބަސީން މަސައްކަތް ކުރަމުން ގެންދާނަން،" އެމްބަސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސިޔާސީ މަސްރަހު ހަލަބޮލިވުމާ ގުޅިގެން އެކަމުގެ ރަސްމީ މައުލޫމާތު ޗައިނާ ސަރުކާރަށް ފޯރުކޮށްދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.