01 Mar 2018, 12:18
ކާބުލް (މާޗް 1): އަފްގާނިސްތާނުގެ ސަރުކާރާ އެކު ސުލްހައިގެ ވާހަކަ ދައްކަން ރައީސް އަޝްރަފް ޣަނީ ތާލިބާނަށް ދައުވަތު އަރުވައިފި އެވެ.
ފަންސަވީސް ގައުމު ހިމެނޭ "ކާބުލް ޕްރޮސެސް" ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައީސް ޣަނީ ވަނީ ސުލްހައިގެ ވާހަކަތަކުގައި، ތާލިބާނުގެ ނަން ބައިނަލްއަގުވާމީ ބްލެކްލިސްޓުތަކުން ފޮހެލައި އެއީ ސިޔާސީ ޖަމާއަތެއް ކަމަށް ބަލައިގަތުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވެފައި އެވެ.
އަދި އޭގެ ބަދަލެއްގެ ގޮތުން ތާލިބާނުން އަފްގާން ސަރުކާރު ބަލައިގަނެ ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން ތާލިބާނާ އެކު ސުލްހައިގެ ވާހަކަތައް ދެއްކި ނަމަވެސް އެޖަމާއަތުން އަފްގާނަށްދޭ ހަމަލާތަކަށް ހުއްޓުމެއް އައިސްފައި ނުވެ އެވެ. އަދި މިފަހަރު ރައީސް ޣަނީ އެރުވި ދައުވަތަށް އެޖަމާއަތުން ޖަވާބެއް ދީފައެއް ނުވެ އެވެ.
ނަމަވެސް މިދިޔަ ހޯމަ ދުވަހު ތާލިބާނުން ވަނީ އެމެރިކާއާ ސުލްހައިގެ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.
މިދިޔަ އަހަރު އެމެރިކާ އިން ވަނީ ތާލިބާނަށްދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އަދި އޭގެ ސަބަބުން އެޖަމާއަތް ބަލިކަށި ވަމުންދާ ކަމަށް އެމެރިކާ އިން ބުނި ނަމަވެސް ތާލިބާނުން އަދި ވެސް ދަނީ އަފްގާނިސްތާނުގެ ބޮޑުބައެއް ކޮންޓްރޯލް ކުރަމުންނެވެ. (ބީބީސީ)