02 Mar 2018, 10:21
ލ. އިސްދޫގައި ހުންނަ އިންސްޓިޓިއުޓް އޮފް ދާރުލް އިލްމުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ހުރިހާ ކޯސްތައް ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އެ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ އެވެ. އަދި ދާރުލް އިލްމުގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ އިސްވެރިޔާ އިބްރާހިމް ޝާން އެވެ.
އެއްބަސްވުމަކީ ދާރުލް އިލްމުގެ ފަރާތުން އިސްދޫގައި ގުރުއާން އާ ބެހޭ މަރުކަޒުގެ ކޯސްތައް ކިޔަވައިދިނުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ.
އެ ކޯސްތަކާ ބެހޭ ގޮތުން ސަންއަށް މައުލޫމާތު ދެއްވަމުން ޝާން ވިދާޅުވީ އެ ކޯސްތައް ފަށާނީ މިމަހު 16ގައި ބޭރުގެ ދެ ހާފިޒުންނާ އެކު ކަމަށެވެ.
ޖުމްލަ ތިން ކްލާސް ރޫމަކާއި އޮފީސް ބައެއް ހިމެނޭ އެ އިންސްޓިޓުޓްގައި އެކި ކަހަލަ ގުރުއާންގެ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޝާން ވިދާޅުވިއެވެ.
ކުޑަކުދިންނަށް ގުރުއާން ހިތުދަސް ކުރުމުގެ ކްލާސްތައް އަދި ބޮޑެތި މީހުންނަށް ތަޖުވީދު މަގުން ގުރުއާން ކިޔަވައިދިނުމެގެ ކްލާސްތައް މިހާރު ވެސް އެ އިންސްޓިޓިއުޓްގައި ހިންގަމުންދާ ކަމަށް ވެސް ޝާން ވިދާޅުވިއެވެ.