01 Mar 2018, 11:01
މުމްބާއީ (މާޗް 1): އިންޑިއާގެ ބިހާރުގައި ކާރަކުން ޖައްސައި ނުވަ ކުޑަކުއްޖަކު މަރާލި ކަމުގެ ތުހުމަތު ބީޖޭޕީގެ ލީޑަރެއްގެ މައްޗަށްކޮށްފި އެވެ.
ބިހާރުގެ ސިތަމަރުހީ ޑިސްޓުރިކްޓުގައި ބީޖޭޕީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާ ކުރި މަނޯޖް ބައިތާގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު ނުވަ ކުޑަކުދިންގެ ގައިގައި ކާރަކުން ޖައްސައި، އެކުދިން މަރާލި ކަމުގެ ތުހުމަތެވެ.
އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން ބައިތާ އެތުހުމަތުތައް ދޮގު ކުރި ނަމަވެސް ފުލުހުން ވަނީ އެކާރު ދުއްވީ ބައިތާކަން ޔަގީންވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ އެކުދިންގެ ގައިގައި ކާރުން ޖެއްސީ، 65 އަހަރުގެ އަންހެނެއްގެ ގައިގައި ކާރުން ޖެއްސުމަށް ފަހު ފިލަން މަސައްކަތް ކުރި ވަގުތު ކަމަށް އެނޫހުގައިވެ އެވެ.
އެހާދިސާގައި 20 މީހަކަށް އަނިޔާވެފައިވާ އިރު، އެކްސިޑެންޓަށް ފަހު ބައިތާ ވަނީ ނޭޕާލަށް ފުރާފައި އެވެ. ނަމަވެސް މިހާރު އޭނާ ވަނީ އިންޑިއާ ފުލުހުންނާ ހަވާލުވެފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެހާދިސާއާ ގުޅިގެން ބީޖޭޕީން ވަނީ ބައިތާ ޕާޓީން ވަކިކޮށްފަ އެވެ. އަދި އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ބައިތާ ކާރު ދުއްވީ މަސްތުވެގެން އިނދެ ކަމަށް ތުހުމަތުކޮށްފަ އެވެ. (އިންޑިއަންއެކްސްޕްރެސް)