ސްޕެއިންގެ ބާސެލޯނާގައި ބޭއްވި މޮބައިލް ވާލްޑް ކޮންގްރެސްގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ކަސްޓަމާ އެކްސްޕީރިއަންސް ސޮލިއުޝަންތަކާއި އެ ކުންފުނިން ހޯދާފައިވާ ކުރިއެރުންތައް ދައްކާލައިފި އެވެ.

"ޑިޖިޓަލް ޚިދުމަތްތަކާ އެކު އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް" ޝިއާރުގެ ދަށުން އުރީދޫ ގްރޫޕުން ވަނީ އަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީތަކާއި އެންމެ ފަހުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް އެ ކޮންގްރެސްގައި ދައްކާލައިފަ އެވެ.

އުރީދޫއިން ބުނީ، އުރީދޫ އިން ތަޢާރަފްކޮށްފައިވާ މަގުބޫލް ޑިޖިޓަލް ޚިދުމަތްތައް ކަމުގައިވާ އުރީދޫ ނެކްސްޓް އާއި މަގޭ ޕްލޭން އަށް ކުރިޔަށް އޮތްތަނުގައި ތައާރަފުކުރާ އާ ޚިދުމަތްތައް މޮބައިލް ވާލްޑް ކޮންގްރެސްގައި ދައްކާލާފައިވާނެ ކަމަށެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ، އުރީދޫގެ ކަސްޓަމަރުންނާއި ކުރަން ޖެހޭ ކޮންމެ މުއާމަލާތެއް ވެސް ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އޮންލައިންކޮށް ކުރުމުގެ ފުރުސަތު ފުޅާކުރުމަށް އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަކީ ތަފާތު އެކި ރަށްރަށުގައި ދިރިއުޅޭ ބަޔަކަށްވާތީ، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އެންމެ އަވަސް ޚިދުމަތް ލިބުމަކީ ވަރަށް މުހިއްމު ކަމެއް ނަޖީބް ވިދާޅުވި އެވެ.

"ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ އެންމެ މަގްބޫލު އަދި ކުޅަދާނަ ކުންފުނިތައް ބައިވެރިވާ މޮބައިލް ވާލްޑް ކޮންގްރެސް ފަދަ އެއްވުމެއްގައި، ޑިޖިޓަލް ކަސްޓަމާ އެކްސްޕީރިއަންސްގެ ދާއިރާ އިން އުރީދޫ ހޯދާފައިވާ ކުރިއެރުންތައް ހިއްސާކޮށް، އުރީދޫ ނެކްސްޓް އަދި މަގޭ ޕްލޭން ފަދަ ޕްލެޓްފޯމްތަކުގައި ދެން ތަޢާރަފްކުރެވޭނެ ޚިދުމަތްތައް ދައްކުވާދެވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ޝަރަފެއް." ނަޖީބް ޚާން ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސް ކަސްޓަމަރުން މިހާރު އުރީދޫ ނެކްސްޓް މެދުވެރިކޮށް ޚިދުމަތް ހޯދަނީ ފޭސްބުކް އިން ކަމަށްވާ އިރު، މޮބައިލް ވާލްޑް ކޮންގްރެސްގައި ތައާރަފްކޮށްފައިވާ އުރީދޫ ނެކްސްޓްގެ އައު ވާޝަން ވައިބާގައި ވެސް ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އެކުންފުނީގެ މަގޭ ޕްލޭން ޕްލެޓްފޯމްގެ އައު އަޕްޑޭޓް "އާޓިފިޝަލް އިންޓެލިޖެންސް ބޭސްޑް ޕްރިޑިކްޓިވް ޓެކްނޮލޮޖީގެ" ނަމުގައި ހާމަކޮށް މަގޭ ޕްލޭންގެ އެހީގައި ހިމަނާފައިވާ އައު ޚިދުމަތްތައް ވަނީ ދައްކުވާދީފަ އެވެ.

މަގޭ ޕްލޭންގައި، އަލަށް ތައާރަފްކޮށްފައިވާ ޚިދުމަތްތަކަކީ:

  • އުރީދޫގެ ޑޭޓާ، އެސްއެމްއެސް، ކޯލް، އަދި އައިޑީޑީ އެޑްއޯންތައް، ގާތްތިމާގެ މީހުންނަށް ހަދިޔާކުރެވުން.

  • އެބޭފުޅަކު ޚިޔާރުކުރަށްވާ ބަޖެޓަކަށް އެންމެ އެކަށީގެންވާ ޕްލޭންތައް ބަލާލެވުން.
  • އާޓިފިޝަލް އިންޓެލިޖްންސް ޓެކްނޮލޮޖީގެ އެހީގައި، މަގޭ ޕްލޭން މެދުވެރިކޮށް ޚިޔާރުކުރައްވާ އެންމެ މަގުބޫލު ޕްލޭންތައް ބަލާލެވުން.

މަގޭ ޕްލޭންގެ ދެވަނަ ވާޝަން އަދި އުރީދޫ ނެކްސްޓްގެ އަޕްޑޭޓް ރާއްޖޭގައި ތައާރަފްކުރެވޭނީ، މާޗް މަހުގެ ކުރީކޮޅުގައި ކަމަށް އުރީދޫ އިން ބުންޏެވެ.