01 Mar 2018, 09:46
ފެބްރުއަރީމަހުގެ 25 އިން މިއަދުގެ ނިޔަލަށް ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދިޔަ މޮބައިލް ވޯލްޑް ކޮންގްރެސްގައި ޓެކްނޮލޮޖީގެ އާ އުފެއްދުންތަކެއް ވަނީ ދައްކާލައިފައެވެ. ހާއްސަކޮށް މޮބައިލް ފޯނު އާކުރަން ބޭނުންވެފައިތިބި މީހުންނަށް އުފާވެރި ހަބަރުތައް ވަނީ ލިބިފައެވެ.
ނިމިގެންދިޔަ މޮބައިލް ވޯލްޑް ކޮންގްރެސްގައި ރަނގަޅު ކަންތަކާއި ފީކަޅާ ކަންތައްވެސް ފާހަގަވިއެވެ.
އެންމެ ކަމުދިޔަ ކަންތައް:
ސެމްސަންގް އެސް9:ސީރީޒްގެ ފޯނުތަކަކީ މިފަހަރުގެ އެމްޑަބްލިއުސީގެ ހައިލައިޓެވެ. މިއީ މިއަހަރުގެ އެންމެ ވަރުގަދަ ފޯނުތަކުގެ ތެރޭގައި ހިމެނޭނެ ފޯނެކެވެ. މާދަމައިން ފެށިގެން ފޯނުގެ ޕްރީއޯޑާ ނަގަން ފަށާނެއެވެ. ބާޒާރަށް ނެރޭނީ މިމަހުގެ 16 ގައެވެ.
ނޮކިއާގެ 8110 މެޓްރިކްސް:ޒަމާނީ ކޮށްލައިގެން މިފަހަރު ވަނީ ދައްކާލައިފައެވެ. ވަރުގަދަ ބެޓެރީ އަކާއެކު ނެރުނު މި ފޯނާއެކު ކުރީގެ ގިނަ ހަނދާންތަކެއް އާކޮށްދީފިއެވެ.
ލެނޯވޯގެ ކްރޯމްބުކްސް:އެމްޑަބްލިއުސީ އަކީ ފޯނަށް ހާއްސަ އިވެންޓެއް ނަމަވެސް ލެނޯވޯއިން ދައްކާލި ލިޓްލް ކްރޯމް ބުކްސްއަށް ވަނީ ރަނގަޅު ކޮމެންޓުތަކެއް ލިބިފައެވެ. މިއީ ފަންސުރެއް ބޭނުންކޮށްގެން ސްކްރީނުގައި ނޯޓު ނަގާލެވޭނެ އުފެއްދުމެކެވެ. މިއީ ސްކޫލު ކުދިންނަށް ކަމުދާނެ އުފެއްދުމެކެވެ.
ވީވޯގެ އެޕެކްސް ކޮންސެޕްޓް ފޯން:މި އުފެއްދުމަށް ބޮޑު ސަމާލުކަމެއް ލިބުނީ ފިންގާ ޕްރިންޓް ސްކޭނާ ސްކްރީން ތެރެއަށްލީ އެންމެ ފުރަތަމަ ފޯނަށް ވީތީއެވެ.
އެންމެ ފީކަޅާ ކަންތައް:
އައިފޯނު އެކްސްގެ ކޮޕީތައް ގިނަ:މިފަހަރު އެންމެ ފާހަގަ ކުރެވުނު ކަމަކީ، އެމްޑަބްލިއުސީގައި ދައްކައިލި ގިނަ ފޯނުތައް، އެޕަލްގެ އައިފޯނު އެކްސް އާ ވައްތަރުކޮށްފައި ހުރުމެވެ. ހަމައެކަނި ނަކަލުކޮށްފައި ހުރީ އޭގެ ޑިޒައިނެވެ. އައިފޯނު އެކްސްގެ މުހިއްމު ސަޅި ފީޗާސްތައް ކޮޕީކޮށްފައެއް ނެތެވެ. އަސުސްގެ ޒެންފޯން5 ދައްކާލިއިރު ހީވަނީ އައިފޯނު އެކްސްގެ އައިޑެންޓިކަލް ޓްވިން އެއް ހެންނެވެ.
އައިފޯން އެކްސް އަކާ ޒެންފޯން5--
ހެޑްފޯން ޖެކް:ފޯނުތަކުގައި ހެޑްފޯނު ޖެކް ނުހިމަނައި، ހަމައެކަނި ޔޫއެސްބީ ޕޯޓް/ޗާޖިން ޕޯޓް ހިމެނުމަކީވެސް ޓްރެންޑަކަށް ވަނީ ހަދައިފައެވެ. ޔޫޒަރުންގެ އިހުސާސްތަކަށް ކުންފުނިން ނުބަލާކަން މިކަމުން ވަނީ ހާމަވެފައެވެ.