01 Mar 2018, 09:31
ވާވޭ އިން އަންނަނީ މޮބައިލްފޯނުގެ މާކެޓުގައި ރަސްކަންކުރާ ކުންފުނިތަކާ ވާދައަށް ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ. މިފަހަރު ވާވޭއިން މަސައްކަތްކުރަނީ އެޕަލްގެ މެކްބުކް ޕްރޯ އާ ވާދަކުރުމަށެވެ.
ޗައިނާގެ ޓެކް ކުންފުނި ވާވޭއިން މިދިޔަ އަހަރު ވަނީ މޭޓްބުކްގެ ނަމުގައި ލެޕްޓޮޕެއް ނެރެފައެވެ. އެ ލެޕްޓޮޕް އިތުރަށް ވަރުގަދަކޮށް މި ހުސްވި ފެބްރުއަރީމަހުގެ 25ގައި ވަނީ މޭޓްބުކް އެކްސް ޕްރޯގެ ނަމުގައި ލެޕްޓޮޕެއް ދައްކާލައިފައެވެ.
މޭޓްބުކް އެކްސް ޕްރޯ އަކީ ބަލާބެލުމަށްވެސް މެކްބުކް އާ އެއްކަހަލަ ސިފައަކަށް އުފައްދާފައިވާ ލެޕްޓޮޕެކެވެ. އޭގެ ކުލައަކީވެސް މެކްބުކްގެ ކުލައާ އެއްގޮތަށް ސްޕޭސް ގްރޭ އެވެ.

މެކް ބުކް ޕްރޯއާ އަޅާބަލާއިރު ވާވޭގެ މޭޓްބުކް ގާތްގަނޑަކަށް އިންޗިއެއްހައިވަރު ބޮޑުވާނެއެވެ. މި ލެޕްޓޮޕަކީ ފުރަތަމަ ފުލް ވިއު ސްކްރީން ލެޕްޓޮޕްއެވެ.
އިންޓެލް އެއިޓްތް ޖެނެރޭޝަންއުކެޓް ކޯ އައި7 ޔޫ ސީރީޒް ޕްރޮސެސާއެއް މި ލެޕްޓޮޕުގައި ހިމެނެއެވެ. ގްރެފިކްސް ޕްރޮސެސާގައި 2 ޖީބީ، 16 ޖީބީގެ ރެމްއެއް ހިމެނޭ މި ލެޕްޓޮޕަކީ ތަންޑާބޮލްޓް 3 ސަޕޯޓުކުރާނެ ލެޕްޓޮޕެކެވެ.
ޕަވާ ބަޓަންއާއެކު ފިންގާ ޕްރިންޓް ސްކޭނާއެއްވެސް މި ލެޕްޓޮޕުގައި ހިމެނެއެވެ. 12 ގަޑިއިރަށް ބެޓެރީ ހިފަހައްޓާ މި ލެޕްޓޮޕް ޗާޖުކުރަން ބޭނުންކުރަނީ ޔޫއެސްބީ ޓައިޕް- ސީ ފާސްޓް ޗާޖަރެކެވެ.
އަންނަ ކުއާޓަރުގައި ވާވޭގެ މި އުފެއްދުން ބާޒާރަށް ނެރޭއިރު އަގު އުޅޭނީ 1850 ޑޮލަރުގައެވެ.