ބޮލީވުޑް ފިލްމު 'ދާސް ދޭވް' އަށް ޕާކިސްތާނު ލަވަކިޔުންތެރިޔާ އާތިފު އަސްލަމް ކިޔައިދީފައިވާ ލަވަ، "ސެހެމީ ހެ ދަޅްކަން" ޕްރޮމޯޓު ކުރުމަށް އާތިފު ދެކޮޅު ހަދަމުން އަންނަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ސަންޖީވް ކުމާރު ބުނެފި އެވެ.

ސަންޖީވް ބުނީ ލަވަ ޕްރޮމޯޓު ކުރާނެ ކަމަށް އާތިފް ބުނަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް އަމަލީ ސިފަ ގެނެސްފައި ނުވާ ކަމަށެވެ.

"ލަވަ ޕްރޮމޯޓު ނުކުރާ ސަބަަބެއް ނޭނގޭ. އެކަމަކު އެއްބަސްވެފައިވާ ގޮތަށް ލަވައިގެ ޕްރޮމޯޝަންގައި އާތިފު ނޫޅޭ،" ސަންޖީވް ބުނެފައިވެ އެވެ.

"ސެހެމީ ހެ ދަޅްކަން" ލޯންޗުކޮށްފައި ވަނީ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެއީ ސުދީރު މިޝްރާ ޑައިރެކްޓު ކުރާ 'ދާސް ދޭވް' ގެ ލަވަތަކުގެ ތެރެއިން ލޯންޗު ކުރި ފުރަތަމަ ލަވައެވެ.

ލަވަ ޕްރޮމޯޓު ކުރުމަށް އާތިފް ދެކޮޅު ހަދަމުން އަންނަ ކަމަށް ޕްރޮޑިއުސަރު ބުނެފައި ވާއިރު، ފެބުރުއަރީ މަހުގެ ކުރީކޮޅު އިންޑިއާގެ ސިޔާސީ ލީޑަރަކު ވަނީ ހިންދީ ފިލްމު އިންޑަސްޓްރީގައި ޕާކިސްތާން ފަންނާނުން މަނާކުރުމަށް ގޮވާލައިފައެވެ.

އަދި ފިލްމު 'ވެލްކަމް ޓު ނިއު ޔޯކް' އަށް ޕާކިސްތާނުގެ ފުންނާބު އުސް ލަވަކިޔުންތެރިޔާ ރާހަތު ފާތެހް އަލީ ޚާން ކިޔައިދީފައިވާ ލަވަ ހިމަނައިގެން ނުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ސަންޖީވް ބުނީ ސިޔާސީ ލީޑަރަކު އެފަދަ ވާހަކައެއް ދެއްކުމުން، ގިނަ ބަޔަކު އެކަން ގަބޫލު ކުރާނެ ކަމަށެވެ.

"އެކަމަކު ވެސް ލަވަ ޕްރޮމޯޓު ކުރުމަށް އަހަރުން އާތިފް އެބަ ބޭނުންވޭ. ސޯޝަލް މީޑިއާގައި 20 މިލިއަން މީހުން އާތިފް ފޮލޯ ކުރޭ. އެހެންވީމަ އާތިފް ލަވަ ޕްރޮމޯޓް ކޮށްފި ނަމަ ލަވައަށް ތަރުހީބު ލިބޭނެ ވަރު ވިސްނާލާ،" ސަންޖީވް ބުންޏެވެ.

މާޗު 23ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ދާސް ދޭވް' ގައި ފެނިގެން ދާނީ ރިޗާ ޗައްޑާ، އަދިތީ ރާއޯ ހައިދަރީ އަދި ރާހުލް ބަޓް އެވެ.

އިންޑިއާ އިން ވަނީ މީގެ ކުރިން، އިންޑިއާގައި ޕާކިސްތާން ފަންނާނުން މަސައްކަތް ކުރުން މަނާކޮށްފައެވެ. އެ ނިންމުމަށް އަދިވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.