01 Mar 2018, 08:55
އެކިކަންކަމުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި މީހުންނަށް އަތްތައް ހުޅުވާލަން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރަފީ ޖަމިއްޔާގެ ގާލާ ނައިޓުގެ ތެރެއިން -- ފޮޓޯ: މުހައްމަދު އަފުރާހު
ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާގެ މިއަހަރުގެ ގަލާ ނައިޓް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އިންސާނާ އުފައްދަވާފައިވަނީ އެކަކު އަނެކަކަށް ވާގިވެރިވެ އެހީތެރިވުމަށްޓަކައި ކަމަށެވެ.
" އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ އަތް ވެސް އެބަޖެހޭ ހުޅުވާލައިފައިވާ ބާއްވަން. އަތް ބަހައްޓަންޖެހޭނީ އަބަދުވެސް ވަންނާށާއި ދިޔުމަށްޓަކައި. އަދި މީހުންނަށް ކަންތައްތައް ކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ޝައުގިވެރިކަން ހުންނަން ޖެހޭނެ. އެހެން ނޫނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވާޖިބު އަދައެއް ނުކުރެވޭނެ. އެއްވެސް އިންސާނަކީ އަމިއްލައަށް ދުނިޔޭގައި އުޅެވޭނެ އިންސާނަކަށް ވެގެން ނުވާނެ،" ސިޔާމް ވިދާޅުވިއެވެ.
ރަފީ ޖަމިއްޔާގެ ގާލާ ނައިޓުގެ ތެރެއިން -- ފޮޓޯ: މުހައްމަދު އަފުރާހު
ސިޔާމް ވިދާޅުވީ، ރަފީ ޖަމިއްޔާއިން ރާއްޖޭގައި ޒުވާނުން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ އަސަރު ރާއްޖޭގެ ޒުވާނުންނަށް ވަރަށް ބޮޑަށްކުރާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، އެމަނިކުފާނު ދެކެން ބޭނުންވަނީ ލީޑާޝިޕްގެ އެންމެ ފުރިހަމަ ވައްޓަފާޅިއަށް ރާއްޖޭގެ ގިނަ ޒުވާނުން ފެތޭނެތަން ފެންނާނެ ދުވަހެއް ކަމަށެވެ.
ރޭ ބޭއްވި ގާލާ ނާއިޓްގައި ސިޔާމަށް ވަނީއެލީޓް އެވޯޑް ފޯ ޔޫތު އެމްޕަވާމަންޓް ޗެންޕިއަން އޮފް ދަ އިޔާގެ އެވޯޑްވެސް އަރުވައިފައެވެ.