ހިއުމަން ރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް) އިން ދޫނިދޫ ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށް އެ ތަނުގެ ހާލަތު ބަލައިފި އެވެ.

އެޗުއާރުސީއެމުން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ ޓީމެއް އިއްޔެ ދޫނިދުއަށް ގޮސް ކަސްޓޯޑިއަލްގެ ހާލަތު ބަލާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ.

އެޗްއާރުސީއެމުގެ ޒިޔާރަތުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައިވާ މީހުންނާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ނަގާފައިވާނެ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

އެޗްއާރުސީއެމުން ދޫނިދޫ ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށްފައިވާ އިރު މިހާރު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރެ އެވެ. ނަމަވެސް ވިދިގެން އަންނަ ދުވަހު ނުވަތަ އެ ރޭ އެމީސްމީހުން ދޫކުރެ އެވެ. އަދި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ވެސް ވަނީ ސިޔާސީ ބަޔަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންނާ ގުޅޭ މައްސަލަތަކެއް ވެސް ވަނީ އެޗުއާރުސީއެމަށް ހުށަހަޅައިފަ އެވެ.