01 Mar 2018, 00:32
ކުރިއަށް އޮޮތް 15 ދުވަސް ތެރޭގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ހަތް މަޖިލިސް މެންބަރަކު ޕީޕީއެމާ ގުޅިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ހަތް މަޖިލިސް މެމްބަރަކު ޕީޕީއެމަށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމަށް އަދި އެ މެންބަރުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ނިންމީ ކީއްވެ ކަމެއް ވެސް ފަލާހު ވިދާޅެއް ނުވެއެވެ.
ފަލާހު ވަނީ މީގެ ފަސް ދުވަސް ކުރިން ވެސް އެފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އައްޑޫ ސިޓީގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން މިދިޔަ ހަފްތާގައި ބޭއްވި ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ "ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅުގެ ހަ މެމްބަރުން ދަމާ ގަންނާނެ" ކަމަށެވެ. އެ ބައްދަލުވުމުގައި ވެސް ސޮއިކުރާނެ ކަމަށް އޭނާ ވިދާޅުވާ މެމްބަރުންގެ ނަންތައް ވިދާޅެއްނުވެއެވެ.
ފަލާހު މިހެން ވިދާޅުވިއިރު، ޕީޕީއެމް އިން ވަކިކޮށްފައިވާތީ 12 މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމެއް ކުރި ކަމަށް އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމް އިން ވަނީ ބުނެފައެވެ. ނަމަވެސް އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ.
އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.
މި ދައުރުގެ މަޖިލީހުގެ ޖަލްސާތައް މި ހަފްތާ ތެރޭގައި ފަށާފައިވާއިރު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިފައެވެ.
މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން ވެރިކަން ކުރާ ކޯލިޝަންގައި މިހާރު ތިއްބެވީ 42 މެމްބަރުންނެވެ. އެއީ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ހިމަނައިގެންނެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި 43 މެމްބަރުން ތިއްބަވައެވެ. ނަމަވެސް އޭގެ ތެރެއިން 12 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.