28 Feb 2018, 19:58
ރާއްޖޭގެ ދިދަ ނައިގެން ބައިނަލްއަގްވާމީ ކަނޑުތަކުގައި ދަތުރުކޮށް މުއާމަލާތްކުރަމުން ގެންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގެ ދިދަ ނަގައިގެން ދަތުރުކުރާ "ޒިން ޔުއާން 18" ނަމަކަށް ކިޔާ ކަނޑު އުޅަނދަކުން، އުތުރުކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ ކަނޑުގެ އުޅަނދަކަށް ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް މުދާ ބަދަލުކުރިކަމަށް ޖަޕާނުން ވަނީ ބުނެފައެވެ.
ޖަޕާނުގެ ފޮރިން އެފެއާސް މިނިސްޓްރީން ބުނާ ގޮތުން، އެ ދެ ބޯޓު ކައިރިކައިރީގައި އޮއްވާ ފެނުނީ ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަތިންދާ ބޯޓަކަށެވެ. އަދި އެ ދެ ބޯޓުން އދ. ގެ ސަލާމަތީ މަޖިލީހުން މަނާކޮށްފައިވާ މުއާމަލާތެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޖަޕާނުން ބުނެއެވެ.
ނަމަވެސް ޖަޕާނުގެ ފޮރިން އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ހުރި އެ ވާހަކަތައް ދިވެހި ސަރުކާރުން ދޮގު ކުރެއެވެ. އެގޮތުން ދިވެހި ދިދަ ނަގައިގެން ދަތުރުކުރާ ކަމަށް ބުނާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މިއަދު ބުނެފައެވެ.
އަދި ރާއްޖޭން ބޭރުގެ އުޅަނދު ފަހަރު ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްފަހު ރާއްޖޭން ބޭރުގައި ދުއްވުމަށް ފުރުސަތު ރާއްޖޭން ނުދޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެ މައްސަލާގައި ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ދިދަ ނުވަތަ ނަން ބޭނުންކޮށްގެން، އެފަދަ މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.
އެހެންކަމުން، ދިވެހި ދިދަ ނައިގެން ދަތުރުކުރާ "ޒިން ޔުއާން 18" ނަމަކަށް ކިޔާ އުޅަނދުން ބައިނަލްއަގްވާމީ ކަނޑުތަކުގައި ދަތުރުކޮށް މުއާމަލާތްކުރަމުން ގެންދާ މައްސަލަ ޑިފެންސް މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ހަމަ އެ މައްސަލާގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ދިދަ ނަގައިގެން ބައިނަލްއަގްވާމީ ކަނޑުތަކުގައި ދަތުރުކުރާ ކަމަށް ބޯޓުން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވެފައިވާތީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި އުތުރު ކޮރެއާ އަށް އދ.ގެ ސެކިއުރިޓީ ކައުންސިލުން އެޅި ދަތިކުރުމުގެ ފިޔަވަޅާއެކު އެ ކައުންސިލުން ކަނޑައަޅާ ކޮންމެ ފިޔަވަޅަކަށް ވެސް އެންމެ އިސްކަމެއް ދީގެން ތަންފީޒު ކުރުމަށް ދިވެހި ސަރުކާރުން ބާރު އަޅާކަމަށް ވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.