ފުލުހުންނަށް ފިލައިގެން އުޅުނު މައްސަލާގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުން އެކަން ހާމަކުރީ މިއަދު ކުރި ޓްވީޓެއްގައެވެ.

ހަސަން ސައީދު ހުސެއިންގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިއަދު ޕީޖީއަށް ފޮނުވާފައިވާއިރު، ސަރުކާރު ވައްޓާލަން އުޅުނުކަމަށް ތުހުމަތުކުރާ މީހުންގެ ބައެއް މައްސަލަތައް މި ހަފްތާ ތެރޭގައި ޕީޖީއަށް ފޮނުވާނެ ކަމަށް ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މީގެ ދެ ދުވަސް ކުރިން ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ފަރާތެއް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށްފަހު ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަސުން ހަސަން ސައީދު ހޯދަން ފުލުހުން އިއުލާންކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އޭރު ފުލުހުން އޭނާ ހޯދަމުންދިޔައީ މާލޭގައި އިމާރާތްކޮށްފައިވާ ކޮމާޝަލް ހައުސިންގް އެޕާޓްމެންޓް ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ކުރި މުއާމަލާތެއްގެ ކިތާބީ ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެއެވެ.

އަދި އެކަމުގެ ތެރެއިން ރިޝްވަތުގެ މުއާމަލާތެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތަބީ ހެކި ވެސް ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުނުމުން ސުޕްރީމް ކޯޓުން ވެސް ހަސަން ސައީދު ހައްޔަރުކުރުމަށް އަމުރެއް ނެރުނެވެ.

ނަމަވެސް ހަސަން ސައީދު ހައްޔަރުކުރަން އުޅޭ މައްސަލާގައި ހިމެނޭ ކަންކަމަށް ބަލައި އޭނާ ހައްޔަރުކުރުމުގެ އަމުރު ނެރެ ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދަނީ ހަމަޖެހިފައިވާ ގާނޫނީ އިޖުރާއަތާ ހިލާފަށް ކަމަށްބުނެ ސުޕްރީމް ކޯޓުން ފަހުން އެ އަމުރު ބާތިލް ކުރިއެވެ.