ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ތިން ބޭފުޅުންގެ ތަހުގީގަށް ބޭނުންވާ ހެކިނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކޮށްދިނުމަށް ޕީޖީ އަށް ފޮނުވީ މިއަދު ކަމަށެވެ.

ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އެފަދަ ޓްވީޓެއް ކޮށްފައިވާއިރު، ސަރުކާރު ވައްޓާލަން އުޅުނުކަމަށް ތުހުމަތުކުރާ މީހުންގެ ބައެއް މައްސަލަތައް މި ހަފްތާ ތެރޭގައި ޕީޖީއަށް ފޮނުވާނެ ކަމަށް ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މީގެ ދެ ދުވަސް ކުރިން ވަނީ ވިދާޅުވެފައެވެ.

މިމަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތަށްފަހު ރައީސް މައުމޫން ހައްޔަރުކުރީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ގެކޮޅު ކަމަށްވާ މއ. އެންދެރިމާގޭގައި ހުންނަވަނިކޮށެވެ.

ފުލުހުން ރައީސް މައުމޫންގެ މައްޗަށް ތިން ތުހުމަތެއް ކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތެވެ.

އޭގެ އިތުރުން ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތުވެސް ރައީސް މައުމޫންގެ މައްޗަށް ފުލުހުން ކުރެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ، ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމް ކުރުމަށް ރިޝްވަތުގެ ފައިސާ ނެގުމާއި ބަޔަކާ ބައިވެރިވެގެން ސަރުކާރު ވައްޓާލަން އުޅުން ފަދަ ތުހުމަތުތަކެކެވެ. އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރާ އެކު ހައްޔަރުކުރި، ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަލީ ހަމީދުގެ މައްޗަށް ވެސް ކުރަނީ ހަމަ މިފަދަ ތުހުމަތުތަކެކެވެ.