އާސެނަލްގެ ކޯޗުކަން ގެއްލިދާނެތީ އެއްވެސް ހާސްކަމެއް ނެތް ކަމަށް އެ ކްލަބުގެ ކޯޗު ކަމުގައި 22 ވަނަ އަހަރު ހޭދަކުރަމުންދާ އާސެން ވެންގާ ބުނެފިއެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަ ވަނަ އަހަރުން ފެށިގެން އާސެނަލްގެ ކޯޗުގެ މަގާމުގައި ހުރި، ވެންގާވަނީ މިދިޔަ އަހަރު މެއި މަހުގައި އޭނާގެ ކޮންޓްރެކްޓް އައުކޮށްފައެވެ. އާސެނަލްގައި ހޭދަކުރި ފުރަތަމަ ދުވަސްކޮޅު ރަނގަޅު ނަތީޖާތަކަކާއެކު ގިނަ ޓްރޮފީތަކެއްވެސް އުފުލާލި ވެންގާއަށް އެންމެފަހުން ލީގު ނެގިފައިވަނީ 2004 ވަނަ އަހަރުއެވެ. ވެންގާއަށް އާސެނަލާއެކު ޗެމްޕިއަންސް ލީގެއް އުފުލާލެވިފައިނުވާއިރު، މިދިޔަ ސީޒަންގައި އާސެނަލަށްވަނީ ޗެމްޕިއަންސް ލީގުގެ ޖާގަވެސް ގެއްލިފައެވެ. އެއީ 20 އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ.

މި ސީޒަންގެ އެފްއޭ ކަޕުންވެސް ކަޓައިފައިވާ އާސެނަލް އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ 27 ޕޮއިންޓްގެ ފަރަގެއްގައެވެ. ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމްއާ 10 ޕޮއިންޓްގެ ފަރަގެއްގައެވެ.

އާސެނަލުން މާދަމާ ރޭ ސިޓީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން، އާސެނަލްގެ ކޯޗުގެ މަގާމުގައި ހުރުމަށް ޕްރެޝަރެއް އޮތްތޯ ވެންގާ ކައިރިން ސުވާލު ކުރުމުން އޭނާ ދިނީ ފިނި ޖަވާބެކެވެ.

"ހައިރާންވޭ އަދިވެސް މިކަހަލަ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭތީ. އަހަރެންގެ ކޮންޓްރެކްޓެއް އެބައޮތް. އެކަމަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާނަން. މިވަގުތު އެއްވެސް ހާސްކަމެއް ނެތް އަހަރެންގެ މަގާމު ގެއްލިދާނެތީކީ. މިވަގުތު ވިސްނާނީ ސިޓީއާ ދެކޮޅަށް ނުކުންނަ މެޗަށް،" ވެންގާ ބުންޏެވެ.

އާސެނަލް ކޯޗުކަމުގެ މަގާމުން ވެންގާ ފޮނުވާލަން ޖެހޭ ކަމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ފުޓުބޯޅަ އެނަލިސްޓުންވެސް ބުނެފައިވާއިރު، ވެންގާވަނީ އެމީހުންނަށްވެސް ރައްދު ދީފައެވެ.

"ފުޓުބޯޅައިގައި ކުޅޭ ހުރިހާ މެޗަކުން މޮޅެއް ނުވޭނެ. ދެން މި ޒަމާނުގައި ވާނެ ގޮތަކީ ބަލިވެއްޖެ ނަމަ ހަމަ ފާޑުކިއުން އޮންނާނީ. އެ ފާޑުކިއުންތަކާއެކުވެސް ކުރިއަށް ދާން ޖެހޭނީ. އަހަންނަކީ އެކަން ކަމަށް ބަލާ މީހެއް ނޫން. އަހަރެން ނެރޭނީ ނަތީޖާ. ފާޑުކިއާނީ އެހެން ބަޔަކު،" ވެންގާ ބުންޏެވެ.