ރާއްޖޭގެ ދިދަ ނަގާފައި ހުރި ބޯޓަކާއި އުތުރު ކޮރެއާގައި ރަޖިސްޓްރީ ކޮށްފައިވާ ބޯޓެއް މަނާ މުއާމަލާތްތަކެއް ހިންގި ކަމަށް ޖަޕާނުން ބުނާ ވާހަކަ ޓްރާންސްޕޯޓު އޮތޯރިޓީން ދޮގުކޮށްފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖަޕާނުގެ ފޮރިން އެފެއާޒް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި 'ޝިންޔުއާން 18' އަކީ ރާއްޖޭގެ އުޅަނދެއް ކަމަށް ބުނެފައިވީ ނަމަވެސް އެއީ ދޮގެއް ކަމަށެވެ.

"ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެފައިވާ ޝިންޔުއާން 18 އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫން،" ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ރާއްޖޭން ބޭރުގެ އުޅަނދު ފަހަރު ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ފަހު ރާއްޖޭން ބޭރުގައި ދުއްވުމަށް ފުރުސަތު ރާއްޖޭން ނުދޭ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މި އުޅަނދުފައި ދިވެހި ދިދަ ބޭނުން ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް،" އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ "ޝިން ޔުއާން 18" ނަމަކަށް ކިޔާ ބޯޓަކާއި އުތުރު ކޮރެއާގެ "ޗޮން މާ ސަން"، އެކަތި އަނެކައްޗާ ކައިރީގައި އޮއްވައި ފެނުނީ ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަތިންދާ ބޯޓަކަށް ކަމަށް ޖަޕާނުގެ ފޮރިން އެފެއާސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ދެ ބޯޓުގެ ވެސް ބޮކިތައް ދިއްލާފައި ހުރި ކަމަށާއި ޖަޕާނަށް ތުހުމަތު ކުރެވޭ ގޮތުގައި ދެ ގައުމުގެ ބޯޓުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުން މަނާކޮށްފައިވާ މުއާމަލާތެއް ކޮށްފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާ އިން އުތުރު ކޮރެއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޗޮން މާ ސަންއާ ވެސް ވަނީ ބްލެކް ލިސްޓްކޮށްފަ އެވެ. އަދި އެބޯޓުން މިހާރު ވަނީ ބޯޓުގެ ނަން ފޮހެލާފައި ކަމަށް ވެސް ޖަޕާނުން ބުންޏެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެގައުމުން މިހާރު ވަނީ އެމައްސަލައިގެ މައުލޫމާތު އދ.ގެ ސަލާމަތީ މަޖިލީހާއި އެ މައްސަލައާ ގުޅުން ހުރި ގައުމުތަކާ ހިއްސާކޮށްފަ އެވެ.