މާލޭގައި ޕްރައިމަރީ ހެލްތް ކެއާ ދިނުމަށް ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ދަމަނަ ވެށިން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދަމަނަ ވެށީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ދަމަނަވެށީގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ ތަނުން ދޭ ޚިދުމަތަތް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ދަމަނަވެށިން ދެމުން އައި ޚިދުމަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި. އަދި އެ ތަނުންދޭ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަކީ ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ދަމަނަވެށިން ކާމިޔާބު ކަމާއެކު ދެމުން ގެންދާ ޚިދުމަތްތައް ފާހަގަ ކުރައްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ދަމަނަ ވެށި މެދުވެރިކޮށް ހިލޭ ފޯރުކޮށްދެވޭ ކައުންސިލިންގ ގެ ޚިދުމަތަކީ ގިނަ ބަޔަކަށް އޭގެ ލާބަޔާ މަންފާ މިހާރުވެސް ކުރަމުންދާ ކަންކަން ކަމަށެވެ. އެގޮތުން އަހަރަކަށް ވުރެ އަހަރެއް ޚިދުމަތް ހޯދާ މީހުންގެ ނިސްބަތް އިތުރުވުމަކީ އެ ޚިދުމަތުގެ ކާމީޔާބީ ރަމްޒުކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލިންގެ ޚިދުމަތައް އޮތް ޑިމާންޑް ވަރަށް ބޮޑު. ދަމަނަ ވެށިން އެ ޚިދުމަތް ހޯދާ މީހުންގެ ނިސްބަތްވެސް އިތުރު. އަދި މަސައްކަތް މިކުރަނީ ކުރިއަށް އޮތް ތަނުގައި އެ ޚިދުމަތް އިތުރަށް ތަރައްގީ ކުރުމަށް،" މިނިސްޓަރު ނަޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކައުންސިލިން ދިނުމުގެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް އިންސާނީ ވަސީލަތް ތަރައްގީ ކުރުމަކީ މިނިސްޓްރީން މިހާރުވެސް ކުރަން ރާވާފައި އޮތް ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ދަމަނަވެށިން ދެމުންގެންދާ އެންމެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެވި ހިފާފައި ތިބޭ މީހުން އެކަމުން ދުރުކުރުމަށް ހިންގާ ކްލިނިކާ ގުޅޭ ގޮތުންވެސް މިނިސްޓަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެކަމަށް ޚާއްސަ ކްލިނިކެއް އުފައްދައިގެން އެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 200 އަށް ވުރެ ގިނަ ޝެޝަން ނަގައިދީފައިވާއިރު އެ ކްލިނިކްގެ އެހީގައި 82 މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމާ މުޅިން ދުރުކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ދަމަނަވެށިން ދޭ ޚިދުމަތްތައް ފުޅާ ކުރުމަށް މާލެ ހިމެނޭ ސަރަހައްދުގައި އިތުރު ދަމަނަ ވެށިތަކެއް އަޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ޔޫތު ސިޓީ ތަރައްގީވަމުން އަންނައިރު އިތުރު ދަމަނަވެއްޓެއް އެ ސިޓީގައި ތަރައްގީ ކުރާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.