ރިޔާޒް (ފެބްރުއަރީ 28): ސައުދީ އަރަބިޔާއަށް ފިކުރީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގެންނަމުންދާ އިސްލާޙް ތަކާއެކު ސައުދީ މުޖްތަމައު ޒަމާނީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަކީ ކުއްލި ޝޮކް ދީގެން ބޮޑެތި ބަލިތަކަށް ފަރުވާދިނުންފަދަ ކަމެއްކަމަށް އެގައުމުގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ ޒުވާން ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ސިފަކުރައްވައިފިއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ބިން ސަލްމާން ވިދާޅުވީ ސައުދީ މުޖްތަމައު ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ ކަމަށާ އެކަމަށްޓަކައި ސައުދީ ޘަގާފަތާއި ބޯދާ ބައެއް ކަންކަން އިސްލާޙުކޮށް ދީނީ ފަތުވާނެރޭގޮތަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭކަމުގައެވެ. މިގޮތުން ޒަމާނުއްސުރެ ސައުދީ މުޖްތަމައުގައި އަށަގަނެފައިވާ ޒަމާނާ ނުގުޅޭ އަދި ދީނުގައިވާ މެދުމިނުގެ އުސޫލުތަކަށް ނުފެތޭގޮތަށް (ހަރުކަށި ވިސްނުމުގައި) ނިންމާފައިވާ ކަންކަން އިސްލާޙްކޮށް ކީރިތީ ރަސޫލާ (ސލވ) ގެ ޒަމާނުގައި އޮތް އިސްލާމް ދީނުގެ މެދުމިނުގެ އުސޫލުތަކާ އެއްގޮތަށް ކަންކަން ފައްތަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ސައުދީ ގައި އަންހެނުންނަށް މިހާރު ދެމުން ގެންދާ ހައްގުތަކަށްވުރެ ބޮޑެތި ހައްގުތަކަކާއި ޒިންމާތަކެއް ކީރިތީ ރަސޫލާ (ސލވ) ގެ ޒަމާނުގައި އަންހެނުންނަށް ދީފައިވާކަން ފާހަގަ ކުރައްވަމުން މުހައްމަދު ބިން ސަލްމާން ވަނީ އެހައްގުތަކާއެކު އިސްލާމް ދީނުގެ ކުރީކޮޅު އިސްލާމީ މުޖްތަމަޢުތަކުގައި މުސްލިމް އަންހެނުން އެދުވަސްވަރު އުޅުނީ ވަރަށް ހަރަކާތްތެރިކޮށްކަން ފާހަގަ ކުރައްވާފައެވެ.

މުހައްމަދު ބިންސަލްމާންގެ މޭސްތިރިކަމުގެ ދަށުން ސައުދީއަށް ގެންނަ އިސްލާޙީ ބަދަލުތަކަށް ތާއީދުއޮތް މިންވަރާބެހޭގޮތުން ވޮޝިންޓަން ޕޯސްޓުން ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ އެކަމަށް ސައުދީ ޒުވާނުންގެ ސަޕޯޓް ވަރަށް ބޮޑުކަމަށާ ޒުވާނުންގެ އިތުރުން ޝާހީ އާއިލާގެ ތާއީދުވެސް ބޮޑުކަމުގައެވެ. އިސްލާޙްތަކަށް ތާއީދުނުކުރާ މީހުންނަކީ މަދުބައެއްކަމަށާ އެމީހުންގެ ފަރާތުން މާބޮޑު ގޮންޖެހުމެއް ކުރިމަތި ނުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ބިންސަލްމާން ވިދާޅުވިއެވެ.

ސައުދީ ރަސްކަމުގެ ނިޒާމަށާއި އިސްލާޙީ ޕްރޮގްރާމަށް ފާޑުކިޔުމުގެ ސަބަބުން ޖަލަށްލާފައިވާ އެކްޓިވިސްޓުންނާއި ދީނީ ބައެއް އިލްމުވެރިންނާ ބެހޭގޮތުން ކުރި ސުވާލެއްގެ ޖަވާބުގައި ބިން ސަލްމާން ވިދާޅުވީ ސައުދީ އަރަބިޔާގައި ކަންކަމުގައި ބަލާމިންގަނޑު އެމެރިކާގައި ކަންކަން ބަލާމިންގަނޑާ ތަފާތުވާނެ ކަމަށާ އެމެރިކާގައި ބަލާމިންގަނޑުތަކުން ޖަލަށްލާންޖެހޭ ފަރާތްތައް އެމެރިކާގައިވެސް ޖަލަށްލާއިރު ސައުދީ އަށްވެސް އެކަން އެގޮތަށް ކުރެވެންޖެހޭނެކަމުގައެވެ. މިގޮތުން ކޮންމެ ގައުމަކުންވެސް އެގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ވަކި ޚާއްސަ ކަންތައްތަކަށް ރިޢާޔަތް ކުރާނެކަމަށާ އެއީ ހުރިހާ ގައުމުތަކެއްގައި ޔުނިފޯމް ކަންތައްތަކަކަށް ނުވާނެކަމަށް ބިންސަލްމާން ވިދާޅުވިއެވެ.

ދާދިފަހުން ސައުދީ ސިފައިންގެ ލަޝްކަރުތަކުގެ އިސް މަގާމުތަކަށް ގެނައި ބަދަލާބެހޭގޮތުން ބިންސަލްމާން ވިދާޅުވީ ސިފައިންގެ އިސް މަގާމުތަކަށް އަލަށް އައްޔަންކުރީ ސައުދީ އަރަބިޔާ ޒަމާނީ ކުރުމަށް އޭނާގެ މޭސްތިރިކަމުގެ ދަށުން ފައްޓަވާފައިވާ އިސްލާހީ ޕްރޮގްރާމަށް ތާއީދުކުރާ ޒުވާން އިލްމީ ބޭފުޅުންކަމަށާ އެފަދަ ބޭފުޅުން ސިފައިންގެ އިސް މަގާމުތަކުގައި ތިބުމަކީ އިސްލާޙީ ޕްރޮގްރާމް ކާމިޔާބު ކުރުމަށް ފަސޭހަވެގެންދާނެކަމެއް ކަމުގައެވެ.

ސައުދީ އަރަބިޔާ ޒަމާނީ ކުރުމަށް މުހައްމަދު ބިން ސަލްމާން ގެ މޭސްތިރިކަމުގެ ދަށުން ފަށާފައިވާ އިސްލާހީ ޕްރޮގްރާމުގެ ދަށުން ސައުދީ އަންހެނުންނަށް ވަނީ ކުރިޔާއަޅައިބަލާއިރު ބޮޑު މިނިވަންކަމެއް ދީފައެވެ. މީގެތެރޭގައި ކާރު ދުއްވުމުގެ ހުއްދަ ދިނުމާއި މަހްރަމަކާނުލައި ގެއިން ބޭރުގައި ހަރަކާތްތެރިވުމުގެ ފުރްސަތު ދިނުމާއި ދެޖިންސް އެކުގައި ސްޓޭޑިޔަމްތަކަށް ގޮސް ކުޅިވަރުތައް ބެލުމުގެ ހުއްދަ ދިނުން ހިމެނެއެވެ.

އިސްލާޙީ ޕްރޮގްރާމްގެ ދަށުން ސައުދީން ވަނީ އެގައުމުގެ ވަކި ސަރަހައްދުތަކެއްގައި އެމެރިކާއާއި ޔޫރަޕްގައިވެސް ލިބޭފަދަ ހުރިހާ ޚިދްމަތްތައް ލިބޭ ބާވަތުގެ ޓޫރިސްޓް ރެސޯޓްތައް ހުޅުވުމުގެ ހުއްދަދިނުމަށް ނިންމާފައެވެ. އަދި މުނި ފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް ޚާއްސަކޮށްގެން އިދާރާއެއް އުފައްދައި މުނިފޫހި ފިލުވުމުގެ މަރުކަޒުތަކާއި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް 64 ބިލިޔަން ޑޮލަރުގެ ބަޖެޓެއްވެސް ވަނީ ކަނޑައަޅާފައެވެ.

މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ ގޮތުގައި ސައުދީން ވަނީ ލަވައާއި މިޔުޒިކީ ހަފްލާތައް ބޭއްވުމުގެ ހުއްދަވެސް ދީ އެފަދަ ހަފްލާތައް ބާއްވަން ފަށާފައެވެ. މުނިފޫހި ފިލުވުމުގެ މަރުކަޒުތަކާއި އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ޕްރޮގްރާމުގެ ދަށުން ސައުދީގައި އޮޕެރާ ހައުސް އަކާއި މިޔުޒިކް ދަސްކޮށްދޭ އިންސްޓިޓިއުޓެއް ގާއިމް ކުރުމަށްވެސްވަނީ ޕްލޭންކޮށްފައެވެ. މިޔުޒިކާއި ލަވައަކީ ހަރާމް އެއްޗެއްކަމަށް ސައުދީ ބައެއް އިލްމުވެރިން ކުރިން ފަތްވާ ދެއްވާފައިވީނަމަވެސް މުހައްމަދު ބިން ސަލްމާންގެ އިސްލާޙީ ޕްރޮގްރާމުގެ ދަށުން ސައުދީ ގައި މިހާރު ބާއްވަމުންގެންދާ ލަވައާއި މިޔުޒިކްގެ ހަފްލާތަކަށް ސައުދީ އިލްމުވެރިން ދެކޮޅު ހައްދަވާފައެއް ނުވެއެވެ.

ދާދިފަހުން ސައުދީގައިވަނީ އަބާއަރ އާއި ނުލައި އަދި ބޯވެސް ނިވައިނުކޮށް އަންހެނުން ހިމަނައިގެން ފެޝަން ޝޯއެއްވެސް ބާއްވާފައެވެ. އަދި ރާޒުވާއާއި ތާސްކުޅުމުގެ މުބާރާތްތަކެއްވެސް ވަނީ ބާއްވަފައެވެ. ސައުދީ އަންހެނުން މަސައްކަތުގެ މާހައުލަށް ނެރުމަކީވެސް އިސްލާޙީ ޕްރޮގްރާމްގައި ހިމެނޭކަމެކެވެ. މިގޮތުން ސައުދީ އިމިގްރޭޝަންގެ ވަޒީފާތަކަށް މިހާރުވަނީ އަންހެނުން ވައްދަން ފަށާފައެވެ. އަދި ސައުދީ ސިފައިންގެ ޚިދްމަތަށް ވަނުމުގެ ފުރްސަތުވެސް މިހަފްތާ ތެރޭގައި އެގައުމުގެ އަންހެނުންނަށް ވަނީ ހުޅުވާލާފައެވެ.

މުހައްމަދު ބިންސަލްމާންގެ އިސްލާޙީ އެޖެންޑާގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ ސައުދީ އިގްތިސާދު ތެލަށް ބަރޯސާވުން ދެބައިކުޅަ އެއްބައަށް ކުޑަކުރުމެވެ. މިކަމަށްޓަކައި ސިނާއަތާއި ޓޫރިޒަމް ފަދަ ސެކްޓަރުތައް ވަރުގަދަކުރުމަށާއި ދުބާއި ފަދަ ހުރިހާ ކަމެއް ހުއްދަ ވޯލްޑް ސިޓީއެއް ބިނާކުރުމަށްވެސް ސައުދީ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)