28 Feb 2018, 20:25
ދުރާލާ އިންޒާރުދީ، ކުއްލި ނުރައްކަލުގެ ހާލަތަށް އިޖާބަ ދިނުމުގެ މުވާސަލާތީ ނިޒާމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކޯސްޓްގާޑް ބިލްޑިން ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ނޭޝަނަލް ޑިޒާސްޓާ ސެންޓަރުގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަހްމަދު ރަޝީދު އަދި އެމްއެންޑީއެފްގެ ކޮމާންޑިން އޮފިސަރު މޭޖާ އިބްރާހިމް ޝާން ޝާކިރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއީ ރާއްޖެ އަށް ދިމާވާ ކާރިސީ ހިރާސްތައް ކުޑަ ކުރުމުގެ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
އެ ނިޒާމު ގާއިމު ކުރުމަށް ޖުމްލަ 1.7 މިލިއަން ރުފިޔާ ޚަރަދުވެގެންދާނެ ކަމަށާއި އެ ނިޒާމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކާރިސާ އެއް ދިމާވާ ވަގުތު މުވާސަލާތީ ޚިދުމަތް ކެނޑިގެންދާއިރު މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ލުއި ފަސޭހަ ވާނެ. އަދި ހިތްހަމަ ޖެހުން ލިބިގެންދާނެ. މިއީ މި ގައުމަށް ބޭނުންތެރި ވަސީލަތްތަކެއް،" އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ކާރިސާ އެއް ދިމާވުމުގެ އިތުރުން ވެސް މުވާސަލާތީ ޚިދުމަތް ކެނޑިއްޖެ ކޮންމެ ހާލަތެއްގައި ވެސް އެ ވަސީލަތްތަކުގެ ބޭނުން ހިފޭނެ ކަމަށެވެ.
އަންނަ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި މުވާސަލާތީ ހިދުމަތް ގާއިމުކޮށް ނިންމާލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީއާއި އިންޑިއާގެ ސައުތު އޭޝިއާ ސެޓެލައިޓް މެދުވެރިކޮށެވެ. ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ކުރެވެމުންދަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ އެހީތެރިކަމާއެކު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިންނެވެ.
އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ކަނޑައެޅޭ 33 ރަށެއްގައި މި ނިޒާމް އިންސްޓޯލްކޮށް ބެހެއްޓޭނެއެވެ. އެ ނިޒާމް ގާއިމްކުރުމާއެކު މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކަށް ބަރޯސާ ނުވެ ކާރިސާގެ ހާލަތުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް މަދުވެގެން ހަ ގަޑިއިރު މެދުނުކެނޑި މުވާސަލާތު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.