ށ. ފުނަދޫ އެއާޕޯޓްގެ ރަންވޭ ހެދުމުގެ މަސައްކަތް 49 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކުރިކް ރިޒާ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ޓެކްނިކަލް އެގްޒެކެޓިވް އަހުމަދު ލަތީފް ވިދާޅުވީ، އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި މިހާރު އެ މަސައްކަތަށް ބޭނުންވާ ބައެއް މެޝިނަރީ ފުނަދުއަށް ގެންގޮސް މަސައްކަތް ފަށުމަށް ތައްޔާރު ވެފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، އެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނު ފުނަދޫއަށް ގެންގޮސް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ރަންވޭ ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ފުނަދޫ އެއާޕޯޓް ރަންވޭ ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރި އިރު، އެ އެއާޕޯޓް ހެދުމަށް ބިން ހިތްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަނީ އެމްޓީސީސީ އިންނެވެ.