ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކައި އެއިގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވޭ މީހަކު އެސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.


ފުލުހުން ބުނީ އެ ފަރާތަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޏ. ފުވައްމުލަކު، ހޯދަޑު، ރޫލް، ޢަލީ އިމްރާން (29އ) އެވެ.

މިހާތަނަށް ބެލިބެލުމުން އޭނާ ތަފާތު އެކިތަންތަނުގައި ބަނގުރާ ކައްކައި އަދި އެގޭ ވިޔަފާރި ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ޗެކްކޮށް ބެލިބެލުމުން އޭނާ ބަނގުރާ ކައްކަން ގެންގުޅުނު ކަމަށް ބެލެވޭ އާލާތްތައް، އެ ރަށު ހޯދަޑު އަވަށާއި ދިނގުވާޑު އަވަށާއި ދޭތެރޭ އޮންނަ ޗަސްބިން ސަރަހައްދު ވަލުތެރެއިންނާއި ދުންނިކަމަގު ހިމެނޭ ސަރަޙައްދު ވަލުތެރޭގައި ހުރި ރުއްތަކެއްގެ ތެރެއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާގެ ގެއިން ބަނގުރާ ކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި 1.5 ލީޓަރު "ތާޒާ" ބްރޭޑްގެ ފެންހުސްކުރި ފުޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.