25 May 2010, 15:05
19:00
މެލޭޝިއާ އާއި ސިންގަޕޫރާ ދެމެދުން ދަތުރުކޮށްފައި ދިޔަ ތެޔޮ ޓޭންކަރަކާއި މުދާ އުފުލާ ބޯޓެއް ޖެހި، ޓޭންކަރުގައި ހުރި ގިނަ އަދަދެއްގެ ތެޔޮ ކަނޑަށް ބޭރުވެއްޖެ އެވެ.
ސިންގަޕޫރުގެ މެރިޓައިމް އެންޑް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) އިން ބުނާގޮތުގައި މެލޭޝިއާއަށް ނިސްބަތްވާ ތެޔޮ ޓޭންކަރަކާއި ސެންޓް ވިންސެންޓް އެންޑް ގްރެނަޑައިންސް އަށް ނިސްބަތްވާ މުދާ އުފުލާ ބޯޓެއް ޖެހި އެކްސިޑެންޓްވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަދި މި ހާދިސާގައި އެއްވެސް އުޅަނދެއްގެ ފަޅުވެރިޔަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެހެން ނަމަވެސް ޓޭންކަރުގެ ކާގޯ ޓޭންކަކަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ގިނަ އަދަދެއްގެ ތެޔޮ ކަނޑަށް ބޭރުވެފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.
މިކަމާ ގުޅިގެން އެ ތެޔޮ ޓޭންކަރުގެ ވެރިޔާ ބުނެފައި ވަނީ މި ހާދިސާގައި ދެހާސް ޓަނުގެ ތެޔޮ ބޭރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑަށް ބޭރުވެފައިވާ ތެޔޮ ސާފުކުރުމާއި އިތުރަށް ތެޔޮ ބޭރުވުން ހުއްޓުވުމުގެ މަސައްކަތް އިތުރު ތިން އުޅަނދަކުން މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގާފައި މިވަނީ ގަލްފް އޮފް މެކްސިކޯގެ ތެޔޮ ރިގެއްގައި އަލިފާން ރޯވެ އެ ސަރަހައްދަށް ވެސް ގިނަ އަދަދެއްގެ ތެޔޮ ބޭރުވުމާ ގުޅިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ނުނިމިގެން އުޅެނިކޮށެވެ.