ރާއްޖޭގައި ހުޅުވާ ފުރަތަމަ މަލްޓިި ސްޕެޝަލިޓީ ހޮސްޕިޓަލުގެ ހިދުމަތް މާދަމާ ހެނދުނު އަށެއްޖަހާ އިރު ފަށާއިރު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓު ހެއްދުމަށް 750 ރުފިޔާ ޗާޖު ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކުގެ އަގު ސާފުކުރުމަށް ގުޅާލުމުން އެ ހޮސްޕިޓަލުން ބުނީ ޑޮކްޓަރަށް ދެއްކުމުގެ ފީއަކީ 750 ރުފިޔާ ކަމަށާއި ދިވެހިންނަށް 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ދިވެހިންނަށް އެޕޮއިންޓްމެންޓް ހެދުމަށް ޗާޖު ކުރާނީ 525 ރުފިޔާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް--- ސަން ފޮޓޯ: ފަޔާޒު މޫސާ

ހޮސްޕިޓަލުގެ ރޫމްތަކުގެ ޗާޖު އެނގޭނީ މާދަމާ ހޮސްޕިޓަލު ހުޅުވުމުން ކަމަށް ޓްރީޓޮޕުން ބުނެ އެވެ.

ސަތޭކަ ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލް ފުރަތަމަ ފަށައިގަންނަ އިރު އާސަންދައިގެ ޚިދުމަތް ލިބޭނީ އެޑްމިޓުކުރެވޭ ޕޭޝަންޓުންނަށް އެކަނި ކަމަށާއި ނަމަވެސް އާސަންދައިގެ ޚިދުމަތް ފުޅާކޮށް ފަހުން ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ ބުނެފަ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުން ބުނީ ކޮންމެ އަހަރަކު ވެސް އެތައް ދިވެހީންނެއް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް އެތައް މިލިޔަން ޑޮލަރެއް ޚަރަދުކުރާ ކަމަށެވެ. ޓްރީޓޮޕްގެ މެނޭޖްމެންޓުން ބުނީ އެތަން ހުޅުވުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކަށް ވާނީ ރާއްޖެ އިން ބޭރަށް ދާން ނުޖެހި، އާއިލާ ވެސް ގާތުގައި ތިބެގެން ބޭސްފަރުވާ ލިބުން ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލަކީ އޭޑީކޭ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް އާސަންދައިގެ ދަށުން ޗާޖު ކުރަނީ 50 ރުފިޔާ އެވެ. ސްޕެޝަލިސްޓުންނަށް ދެއްކުމަށް އާސަންދައިގެ ދަށުން 100 ރުފިޔާ ޗާޖުކުރާއިރު ސުޕަސްޕެޝަލިސްޓުންނަށް ދެއްކުމަށް ޗާޖުކުރަނީ 200 ރުފިޔާ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވިގެންދާ އިރު، ތަފާތު 35 ގައުމެއްގެ ނަރުހުންނާއި ޑޮކްޓަރުން އެތަނުގައި މަސައްކަތް ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާ އެކު ހުޅުވާ މި ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުންނާނެ އެވެ. ހޮސްޕިޓަލު މެނޭޖުކުރަން ހަވާލުކޮށްފައި ވަނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ކުންފުންޏާ އެވެ.

ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓު ހަދާ ބަލި މީހުންނަށް އެޕޮއިންޓްމެންޓް ހެއްދި ގަޑިއަށް ޑޮކްޓަރަށް ދެއްކޭނެ ކަމަށާއި މިހާރު ކޯލް ސެންޓަރު މެދުވެރިކޮށް އެޕޮއިންޓްމެންޓު ހެއްދުނު ނަމަވެސް ކުރިއަށް އޮތްތަނުގައި އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.