28 Feb 2018, 12:24
ގައުމީ ޔުނިވާސިޓީގައި ތައުލީމު ހާސިލް ކުރަމުން އަންނަ 24 ދަރިވަރަށް ސްކޯލާޝިޕް ދީފި އެވެ.
މިއަދު ހެނދުނު އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ސްކޯލާޝިޕްތައް ދަރިވަރުންނަށް ހަވާލުކޮށް ދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފާއި ވައިސް ޗާންސެލަރު މުއާވިޔަތު މުހައްމަދުގެ އިތުރުން ޑެޕިއުޓީީ ވައިސް ޗާންސެލަރު އައިޝަތު ޝާހީން އަދި ޔުނިވާސިޓީ ކައުންސިލް މެމްބަރު ފާތިމަތު ޝަޒްލާ ރަފީގް އެވެ.
ގައުމީ ޔުނިވާސިޓީގެ އަންޑާ ގްރެޖުއޭޓް ކޯހަށް އަލަށް ވަތް ދެ ކުއްޖަކަށާއި އަދި ޕޯސްޓް ގްރެޖުއޭޓް ކޯސްތަކަށް ވަން ކުދިންގެ ތެރެއިން ދެ ކުއްޖަކަށް މިއަދު ވަނީ ފުލް ސްކޯލާޝިޕް ހަވާލުކޮށްފަ އެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ސްކޯލާޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
އޭގެ އިތުރުން އަންޑާ ގްރެޖުއޭޓް ކޯސްތަކުގައި ކިޔަވާ 18 ދަރިވަރަކާއި އަދި ޕޯސްޓް ގެެޖުއޭޓް ކޯސްތަކުގައި ކިޔަވާ ދެ ދަރިވަރަކަށް ވަނީ ޓިއުޝަންފީ ސްކޯލާޝިޕެއް ވެސް ދީފަ އެވެ.
ގައުމީ ޔުނިވާސިޓީން ބުނީ ކުދިންނަށް ސްކޯލާޝިޕް ދިނުމުގައި ބަލާފައި ވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ކުދިންނަށް އިސަކަންދީގެން، ގައުމީ ޔުނިވާސިޓީގެ ހާއްސަ ކޮމެޓީއަކުން ކަމަށެވެ.
ޝަހީދު ލަބީބްގެ ހަނދާނުގައި ގައުމީ ޔުނިވާސިޓީންދޭ އެވޯޑް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްފަ އެވެ. އެ އެވޯޑް ހާސިލްކޮށްފައި ވަނީ އެ ޔުނިވާސިޓީގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ޑިގްރާ ހާސިލް ކުރަމުންދާ ދަރިވަރު ހުސެއިން ޝަރީފެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ސްކޯލާޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޔުނިވާސިޓީގެ ކައުންސިލް މެމްބަރު ޑރ. ފާތުމަތު ޝަޒްލާ ރަފީގް ވިދާޅުވީ މަތީ ތައުލީމު ހާސިލްކޮށްފައިވާ ދަރިވަރުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށާއި އަދި އެ ދަރިވަރުން ތަފާތު ދައްކަން ޖެހޭ ކަމަށެވެ.
"މާސްޓާސް ބެޗެލާސް ހަދާފައި ހުރި ކުދިން މިހާރު ބައިވަރުއެބައުޅޭ. ތަފާތު ދައްކަން ހަމައެކަނި ފޮތުގައި އޮންނަ އެއްޗެއް ނޫން. އޭގެ އިތުރަށް މީހާ ކޮމްޕްލީޓް މީހަކަށް ވާން ޖެހ. ނޮލެޖު ވެސް އެބަ ހުންނަން ޖެހޭ އެހެނިހެން ސްކިލްސްތައް ވެސް އެބަ ޖެހޭ ޑިވޮލްޕްވާން،" ޝަޒްލާ ވިދާޅުވި އެވެ.