28 Feb 2018, 11:53
ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅުނު ސްޕެނިޝް ލަލީގާ މެޗުން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި އެސްޕާނިޔޯލް އަތުން ރެއާލް ބަލިވެފައި ވަނީ 1-0ގެ ނަތީޖާއަކުންނެވެ. އެއީ 2007 ވަނަ އަހަރަށް ފަހު ރެއާލް އަތުން އެސްޕާނިޔޯލް މޮޅުވި ފުރަތަމަ މެޗެވެ.
ރޭގެ މެޗުގައި އެސްޕާނިޔޯލް އިން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގަ އެވެ. ސާޖިއޯ ގާސިއާ ދިން ބޯޅައަކުން ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އެސްޕާނިޔޯލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯ އެވެ.

ސްޕެނިޝް ލަލީގާގައި ރެއާލްއާއި އެސްޕާނިޔޯލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް ބަލިވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
އެންމެ ފަހުން އެސްޕާނިޔޯލްއާ ދެކޮޅަށް ކުޅުނު ދެ މެޗުން އަށް ލަނޑު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ، ރޭގެ މެޗުގައި ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބޭނުންކޮށްފައި ނުވަނީ އަންނަ ހަފްތާގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅޭ ގަދަ 16ގެ ދެވަނަ ލެގު މެޗަށް އަރާމުކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ރޮނާލްޑޯގެ އިތުރުން ރޭގެ މެޗުގައި ރެއާލުން ނުފެނުނު މުހިންމު ކުޅުންތެރިންގެ ތެރޭގައި ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް އާއި ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަދި ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ހިމެނެ އެވެ. އޭގެ އިތުރުން އެ މެޗުގައި ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ވެސް ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގެ ތެރޭގަ އެވެ.
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގައި ރެއާލް އޮތީ ވާދަވެރި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑްގެ ފަހަތުގަ އެވެ. ތިންވަނާގައި އޮތް ރެއާލަށް 26 މެޗުން 51 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނާގައި އޮތް އެތުލެޓިކޯއަށް 25 މެޗުން ލިބިފައި ވަނީ 58 ޕޮއިންޓެވެ. އަދި ތާވަލުގެ އެއްވަނާގައި އޮތް ބާސާއަށް 25 މެޗުން ލިބިފައި ވަނީ 65 ޕޮއިންޓެވެ.