28 Feb 2018, 11:04
ފުލުހުންގެ ވަޒީފާ އަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާ ގެޒެޓް ކޮށްފި އެވެ.
ފުލުހުންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ 22 ވަނަ ދުވަހުގެ 6:00 އާ ހަމައަށްކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ ވަޒީފާ އެދި ހުށަހަޅާ ފަރާތްތަކަކީ ޖީސީއީ އޯ ލެވެލް އިމްތިހާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގެ ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިހާނު ނުވަތަ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާ އެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ.
ވަޒީފާ އަށް ކުރިމަތިލާ މީހަކީ މީލާދީ ގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭނެ ކަމަށާއި އެ މީހަކީ ފުލުހުންގެ ތަމްރީން ހެދޭނެ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އިއުލާންގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ ފިރިހެނެއް ނަމަ ފަސް ފޫޓް ތިން އިންޗި، އަންހެނެއް ނަމަ ފަސް ފޫޓަށް ވުރެ ކުރުނުވުމާއި ވަޒީފާ އަށް ކުރިމަތިލާ މީހަކީ އިސްމާލް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނޭ ކަމަށެވެ.
ވަޒީފާއަށް ކުރިމަތިލާ މީހަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުން ކަމަށް ވެސް އެ ބަޔާނުގަ ވަނީ ބުނެފަ އެވެ.