28 Feb 2018, 11:42
ކޮލަމްބޯ(ފެބްރުއަރީ 28): ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އޭނާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީން ތައްޔާރަށް އޮތް ކަމަށް އެޕާޓީގެ ބައެއް މެމްބަރުން ބުނެފި އެވެ.
ޔޫއެންޕީގެ މެމްބަރު އަދި ސްޓޭޓް މިނިސްޓާ އޮފް އިރިގޭޝަން ޕަލިތާ ރަންގޭ ބަންޑާރާ ވިދާޅުވި ގޮތުގައި ވިކްރަމަސިންހާގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނަގަނީ ގައުމުގެ އިތުބާރުވެސް އޭނާއަށް ނެތުމުންނެވެ. އަދި ޔޫއެންޕީއަށް ކުރިއަށް ދެވެން އޮތީވެސް ޕާޓީގެ ލީޑަރު ބަދަލު ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ރަންގޭ ވިދާޅުވި ގޮތުގައި ޔޫއެންޕީގެ ލީޑާޝިޕް ބަދަލު ކުރަން ބޭނުން ވަނީ ހަމައެކަނީ އޭނާއެއް ނޫނެވެ. އަދި އެއީ ވިކްސަރަމަސިންހަ ގަބޫލު ކުރައްވަން ޖެހޭ ހަގީގަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މިވޯޓުގައި އިސް ނަގައިގެން ކުރިއަށް ދާން ވަރަށް ގިނަ މެމްބަރު ތިއްބެވީ ތައްޔާރަށް އަދި އަޅުގަނޑުވެސް މިހިރީ ބޮޑުވަޒީރާ ދެކޮޅަށް ވޯޓު ނަގަން ތައްޔާރަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ޔޫއެންޕީގެ މެމްބަރުން އެފަދައިން ބުނެފައި ވަނީ އެޕާޓީއާއި ރައީސް މައިތުރިޕާލަ ސިރިސޭނާގެ ޕާޓީން ގުޅިގެން އުފައްދާފައިވާ އެއްބައިވަންތަ ސަރުކާރަށް ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ނަކާމިޔާބިއެއް ލިބުނު ފަހުންނެވެ. އެއިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު މަހިންދުރަ ރާޖަޕަސްކާގެ ޕާޓީންނެވެ. (ކޮލަމްބޯ ޕޭޖް)