22 Aug 2011, 21:55
ބެންޣާޒީ (އޮގަސްޓް 22) : ޓްރިޕޮލީ ގެ ބާބުލްޢަޒީޒިއްޔާ އަވަށް ފިޔަވައި އެހެން ހުރިހާ ސަރަޙައްދުތަކެއް ލީބިޔާގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވީ ނަމަވެސް ކާރނަލް ގައްޒާފީގެ އެއްވެސް ހިލަމެއްނުވެފައި އޭނާ ހައްޔަރު ނުކުރެވޭތީ އޭނާގެ މައްޗަށް ޙަޤީޤީ ނަސްރު އަދި ނުހޯދޭ ކަމަށް ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ލީޑަރ މުސްތަފާ ޢަބްދުލްޖަލީލް ވިދާޅުވެއްޖެ އެވެ.
ބެންޣާޒީގައި ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން ޢަބްދުލްޖަލީލް ވިދާޅުވީ ގައްޒާފީގެ ވެރިކަމުގެ ނިޒާމް ރޫޅި އޭނާގެ ދައުރު ނިމުމަކަށް އައިސްފި ކަމަށާ ނަމަވެސް ގައްޒާފީ ޤައުމުން ބޭރަށް ވަޑައިގަތުން ނޫނީ އޭނާ ހައްޔަރުވުމުން ނޫނީ އޭނާގެ މައްޗަށް ހަޤީޤީ ނަސްރު ނުހޯދޭނެ ކަމުގައެވެ.
ގައްޒާފީގެ ދޮށީ ދަރިކަލުން މުޙައްމަދާއި ދެވަނަ ދަރިކަލުން ސައިފުލްއިސްލާމް ވަނީ ހަނގުރާމަވެރިންގެ އަތްދަށުގައި ހައްޔަރު ވެފައެވެ. ނަމަވެސް ގައްޒާފީ ހުންނެވި ތަނެއްވަނީ ނޭންގުމެއްގެ ތެރޭގައެވެ. ގައްޒާފީ ފިއްލަވައިގެން އުޅުއްވަނީ ދެކުނުގެ ރަށެއް ކަމަށްވާ ސަބްހާގައި ކަމަށް އެއްބަޔަކު ބުނާއިރު އަނެއްބަޔަކު ބުނަނީ އޭނާ ހުންނެވީ އިރުއުތުރުގެ ރަށެއްކަމަށްވާ ސިރްތުގައި ކަމުގައެވެ. ޓްރިޕޮލީގެ އިރުމަތީ އަވށެއް ކަމަށްވާ ތާޖޫރާގެ ގޮތްނޭންގޭ ތަނެއްގައި އޭނާ ހުންނެވި ކަމަށްވެސް ބައެއް ފަރާތްތަކުން ޝައްކު ކުރެއެވެ.
ޖާސޫސީ ފަރާތްތަކާ ޙަވާލާދީ ލީބިޔާގެ އިންތިޤާލީ މަޖިލީހުން މިރޭ ބުނިގޮތުގައި ގައްޒާފީ މިހާރު ހުންނެވީ އަވަށްޓެރި އަލްޖަޒާއިރަށް ވަޑައިގަތުމަށްޓަކައި އަލްޖަޒާއިރާއި ލިބިޔާގެ ސަރަޙައްދީ ރޮނގުގެ ކައިރީ ހިސާބެއްގައި ފިއްލަވައިގެންނެވެ. އިންތިޤާލީ މަޖިލީހުންވަނީ ގައްޒާފީއަށް ޙިމާޔަތް ނުދިނުމަށް އަލްޖަޒީއިރުގެ ސަރުކާރަށް އިންޒާރު ކޮށްފައެވެ.
ލީބިޔާގެ ނޫހެއް ކަމަށްވާ "ޤޫރީނާ އަލްޖަދީދާ" ވެސް ވަނީ ގައްޒާފީ އަލްޖަޒާއިރުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި އުޅުއްވާ ކަމުގެ ރިޕޯޓެއް ޝާއިޢު ކޮށްފައެވެ. ނަމަވެސް މިކަންވެސް ކަށަވަރުވެފައެއް ނުވެއެވެ. (އަލްޖަޒީރާ+ޤޫރީނާ އަލްޖަދީދާ)