28 Feb 2018, 10:07
ވޮޝިންޓަން (ފެބްރުއަރީ 28): ސީރިއާއިން ކެމިކަލް ހަތިޔާރު އުފެއްދުމަށް ބޭނުން ކުރެވިދާނެ ފަދަ ތަކެތި އުތުރު ކޮރެއާއިން އެގައުމަށް ފޮނުވަމުންދާ ކަމަށް އދ.އާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފި އެވެ.
އދ.އިން އަދި އާއްމުކޮށްފައި ނުވާ އެރިޕޯޓުގައި ވަނީ އުތުރު ކޮރެއާގެ މިސައިލް ސްޕެޝަލިސްޓުން ސީރިއާގެ ހަތިޔާރު އުފައްދާ ކާރުހާނާތަކުން ފެނިފައިވާ ކަމަށް ބުނެފައި ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުންޏެވެ.
އަދި އުތުރުން ސީރިއާއަށް ފޮނުވި ތަކެތީގެ ތެރޭގައި، ކެމިކަލް ހަތިޔާރު އުފައްދާ ފެކްޓަރީތަކުގައި ބޭނުން ކުރާ ހީޓް އާއި އެސިޑް ރެޒިސްޓެންޓު ޓައިލްސް އާއި ތާމޯމީޓަރު ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން ޗައިނާގެ ކުންފުންޏެއް މެދުވެރިކޮށް އުތުރު ކޮރެއާއިން ވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅު ސީރިއާއަށް ފަސް ޝިޕްމެންޓް ފޮނުވާފައި އެވެ. އަދި ސީރިއާގެ ސަރުކާރުގެ އިދާރާއެއް ކަމަށްވާ ސައިންޓިފިކް ސްޓަޑީސް އެންޑް ރިސާޗް ސެންޓާ (އެސްއެސްއާރުސީ) އިން ވަނީ އުތުރު ކޮރެއާއަށް ފައިސާ ފޮނުވާފައިވާ ކަމަށް ވެސް އެނޫހުގައިވެ އެވެ.
އދ.ގެ އެރިޕޯޓު އެކުލަވާލާފައި ވަނީ އުތުރު ކޮރެއާއިން އދ.ގެ ގަރާރުތަކަށް އަމަލު ކުރާ މިންވަރު ބަލާ އދ.ގެ މާހިރުން ހިމެނޭ ޕެނަލްއަކުންނެވެ. އެޕެނަލްއިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ސީރިއާއިން ވަނީ އެގައުމުގައި ތިބި އުތުރު ކޮރެއާގެ މީހުންނަކީ ކުޅިވަރު ކޯޗުންނާއި އެތްލީޓުން ކަމަށް ބުނެފައި ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައިވެ އެވެ.
ސީރިއާގެ ގޫތާއަށް 2013 ވަނަ އަހަރު ކެމިކަލް ހަމަލާއެއް ދިން ކަން ހާމަވުމުން އެގައުމުން ވަނީ ކެމިކަލް ވެޕަންސް ކޮންވެންޝަންގައި ސޮއިކޮށް، އެގައުމުގައި ރައްކާކޮށްފައިވާ ކެމިކަލް ހަތިޔާރު ނައްތާލާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ދާދި ފަހުން ވެސް އެގައުމުގެ އިރުމަތީ ގޫތާއަށް ކްލޮރިން ހަމަލާއެއް ދިން ކަމަށް ބުނާ ރިޕޯޓުތަކެއް ވަނީ އާއްމުވެފަ އެވެ. (ބީބީސީ)