28 Feb 2018, 09:37
ސޮނީގެ އެކްސްޕީރިއާ ފޯނުތައް ވައިގައި ހިފި ދުވަސްވަރެއް ދިޔައެވެ. ނަމަވެސް އެއަށްވުރެ ވަރުގަދަ ފޯނުތައް އައިސް ސޮނީ ފަހަތަށް ޖައްސައިލިއެވެ.
ސޮނީ އިން މިހާރު އަނެއްކާވެސް މަސައްކަތްކުރަނީ ވަރުގަދަކޮށް، އެނބުރި އައުމަށެވެ. ސޮނީ އިން އެންމެ ފަހުން އިއުލާނު ކުރި ސްމާޓް ފޯނަކީ އާ ޑިޒައިނަކާއެކު ނެރުނު ފޯނެކެވެ. މިއީ އެނބުރި އައުމަށް އެކުންފުނިން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ފިޔަވަޅެއެވެ.
ސޮނީގެ އާ ފޯނު އެކްސްޕީރިއާ އެކްސްޒީ2 ގެ ޑިޒައިނަކީ އާ ޑިޒައިނެކެވެ. މީގެ އިތުރުން ފޯނުގައި ހެޑްފޯނު ޖެކެއްވެސް ނުހިމެނެއެވެ. ކުއެލްކޮމްގެ ސްނެޕްޑްރެގަން 845 ޕްރޮސެސާ ހިމެނޭ މި ފޯނު އަންނަ ބަހާރު މޫސުމުގައި ބާޒާރަށް ނެރޭނެއެވެ. އަގުވެސް އިއުލާނު ކުރާނީ އަދި ފަހުންނެވެ.
ފޯކޭ ޑިސްޕްލޭގެ މި ފޯނުގެ ޑިސްޕްލޭގައި 5.7 އިންޗި ހުންނާނެއެވެ. މި ފޯނުގައި ސްޓީރިއޯ ސްޕީކަރެއްވެސް ހިމަނާފައިވެއެވެ.
ފޯނުގެ ފިންގާ ޕްރިންޓް ސްކޭނާ ހިމަނާފައިވަނީ ކެމެރާގެ ތިރީގައެވެ. ފޯނުގެ ކެމެރާ އަކީ ސޮނީގެ ފޯނުތަކުގެ ކެމެރާތަކާ އެއްގޮތަށް ކޮލެޓީ، މޮޅު ކެމެރާއެކެވެ. އޯރިއޯ 8.0 އާއެކު ނެރޭ 64 ޖީބީގެ މި ފޯނު މައިކްރޯ އެސްޑީ ކާޑާއެކު ސްޓޯރޭޖު ބޮޑުކުރެވޭނެއެވެ.