28 Feb 2018, 09:27
ޝުޖިތު ސިރްކާ ޑައިރެކްޓްކޮށް ވަރުން ދަވަން ލީޑް ރޯލް ކުޅޭ ފިލްމް "އޮކްޓޯބަރު"ގެ ޓީޒާ އާންމުކޮށްފި އެވެ.
އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ އަންހެން ލީޑް ތަރިއެއްގެ ގޮތުން ފެނިގެންދާނީ ޕަންޖާބުގެ އާއިލާއަކަށް ނިސްބަތްވާ ބެނީތާ ސަންދޫ އެވެ.
އޮކްޓޯބަރު އަކީ ބެނީތާ ބޮލީވުޑަށް ތައާރަފްވާ ފުރަތަމަ ފިލްމު ނަމަވެސް އޭނާ އަކީ އުމުރުން އެންމެ 11 އަހަރުން ފެށިގެން އެކްޓްކުރަމުން އަންނަ ކުއްޖެކެވެ.
ޝުޖިތު ބުނީ "އޮކްޓޯބަރު" އަށް ކުރާ އުންމީދުތައް ބޮޑު ކަމަށާއި ފިލްމަކީ އަހަރު ތެރޭ ނުކުންނާނެ އެންމެ ތަފާތު އަދި މޮޅު ފިލްމަކަށް ވެގެންދާނެ ކަމަށެވެ.
މީގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއްގައި ވަރުން ބުނީ "އޮކްޓޯބަރު" ޕްރޮޖެކްޓަކީ އޭނާގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށެވެ.
"ހަމަ ހުވަފެނެއް އެއީ. އަނެއްކޮޅުން ދުވަސްގަނޑަކަށް ފަހު ތަފާތު ރޯލަކުން ފެންނަން މިއުޅެނީ. މިއީ ހަމަ ޑްރީމް ޕްރޮޖެކްޓެއް. އަސްލު ފިލްމަކަށް ވުރެ މި ފިލްމް އަހަރެންނަށް މާ ހާއްސަ. ފިލްމްގެ ސަބަބުން އަހަރެން މުޅިން ބަދަލުކޮށްލައިފި. ތަފާތު މީހެއް މިހާރު އަހަރެންނަކީ،" ވަރުން ބުނެފައިވެ އެވެ.