28 Feb 2018, 09:14
މަރުވިތާ ތިން ދުވަސްފަހުން، ބޮލީވުޑްގެ ލެޖެންޑް ސްރީދޭވީގެ ހަށިގަނޑު ރޭ އިންޑިއާއަށް ގެންގޮސްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރޭގެ ވަގުތެއްގައި ސްރީދޭވީގެ ހަށިގަނޑު އޭނާގެ ގައުމަށް ގެންދިޔައީ ޕްރައިވެޓް ޖެޓެއްގައެވެ.
އިންޑިއާގެ މުމްބާއިއަށް އޭނާގެ ހަށިގަނޑު ގެންގޮސް، މިހާރު ދުބާއި ޕޮލިހުން ވަނީ އޭނާގެ މަރުގެ މައްސަލަ ތަހުގީގުކުރުން ނިންމާލުމަށްފަހު އެ މައްސަލަ ފައިލްވެސް ކޮށްފައެވެ. ދުބާއި ޕޮލިހުން ނިންމީ ސްރީދޭވީ މަރުވީ ގެނބިގެން ކަމަށެވެ.
އޭނާ ވަޅުލާނީ މިއަދު މެންދުރު ވަގުތެއްގައި ކަމަށާއި އަދި މޫނު ދެއްކުން އޮންނާނީ 9:30 އިން 12:30 އަށްް ލޮކަންދްވަލާގެ ސެލެބްރޭޝަން ސްޕޯޓްސް ކްލަބްގައި ކަމަށް ރިޕޯޓް ތައް ބުނެއެވެ.
ފަންސާސް ހަތަރު އަހަރުގައި ސްރީދޭވީ މަރުވި އިރު އޭނާ ވަނީ ބައި ގަރުނު ފިލްމީ ދާއިރާގައި ހޭދަކޮށް 300އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ.
އޭނާއަކީ 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ރަނިކަން ކުރި ފަންނާނެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި ފިލްމީ ކެރިއަރު ފެށި ސްރީ ދޭވީ ވެގެން ދިޔައީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަސްޓާރަށެވެ.
ސްރީދޭވީ 275 ފިލްމު ކުޅެފައި ވާއިރު، މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަ ކުރުމަށް ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.