22 Aug 2011, 16:07
ފޮރިން އިންވެސްޓްމެންޓާ ބެހޭ ގާނޫނު އުވާލުމުން ކޮރަޕްޝަންގެ އިތުރު ދޮރުތައް ހުޅުވި، ދިވެހިންގެ ވިޔަފާރިތައް ބަނގުރޫޓުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުރާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގައި ހިމެނޭ ބިލުތަކުގެ ތެރެއިން، ފޮރިން އިންވެސްޓްމެންޓާ ބެހޭ ގާނޫނު އުވާލުމަށް ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު ޑީއާރުޕީގެ މެންބަރު ކެލާ ދާއިރާގެ ޑރ. އަބުދުﷲ މައުސޫމު ވިދާޅުވީ، ފޮރިންއިންވެސްޓްމަންޓްގެ ގާނޫނު އުވާޅުމަށް ހުށަހެޅުއްވީތީ މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި މިހާތަނަށް އެގާނޫނުން ދިވެހިންގެ ގައުމިއްޔަތާއި އިގްތިސާދު ދެމެހެއްޓުމަށް މުހިއްމު ހިދުމަތްތަކެއްކޮށްފައިވާ ކަމަށް ވެސް މައުސޫމު ވިދާޅުވި އެވެ.
"އެ ގާނޫނުން ފޮރިންއިންވެސްޓްމަންޓްތައް ދިވެހިންނަށާއި ސަރުކާރަށް މަންފާވާ ގޮތަށް ބާރުއަޅާ. ރާއްޖޭގެ ތަކެތި ބޭނުން ކުރުމަށާއި، ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމުގެ އިތުރުން ދިވެހި އުފެއްދުންތެރިކަން ބާޒާރަށް ނެރުމަށް ބާރު އަޅާ،" މައުސޫމު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ، ސަރުކާރުން ގަބޫލުކުރާ ވަރުގެ ރައުސުލްމާލެއް ގެނައުމަށާއި ބޭންކަށް އިތުބާރު ކުރެވޭ ފަދަ ގޮތަކަށް ފޮރިން އިންވެސްޓަރުންނަށް ހުއްދަ ދެވޭގޮތަށް މިހާރު އޮތް އެ ގާނޫނު އުވާލުމަށް ފަހު، ރާއްޖެއަކީ މުޅި ދުނިޔޭގެ މަނީލޯޑްރިން މެޝިނަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ކުންފުންޏެއް ކަމަށް ހެދިގެންނާއި ބްލެކް މާކެޓް އޮޕަރޭޝަން ހިންގާ މީހުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ސަބަބުން ފޮރިން އިންވެސްޓަރުންގެ ކުރިމަތީގައި އިތުބާރު ގެއްލިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ތިބޭ މެންބަރުންތަކެއް އެފަދަ ހިމާޔަތްލިބޭ، ގާނޫނުތައް އުވާލުމަށް މަސައްކަތްކުރާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދީ ގާނޫނުތައް ސަރުކާރުން ހުށަހަޅާފައި ވަނީ، ސަރުކާރުން ބޭނުންވާ އިޒްރޭލް ފަދަ ބޭރުގެ ފަރާތްތައް ރާއްޖޭގައި އިންވެސްޓުކުރުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ގާނޫނުން ރައްޔިތުން ތިބީ ފުރިހަމަ ހިމާޔަތެއްގެ ތެރޭގައި. ސަރުކާރުން މިފަދަ ކަންތައްތައް ހުށަހަޅަނީ، އޮޅުވާލައިގެން މެންބަރުން ލައްވައި ގާނޫނުތައް ހަދައިގެން، ސިޒްރޭލްގެ އެއާލައިނާއި އެގައުމުގެ ވިޔަފާރިތައް މި ގައުމަށް ވައްދައި އެކަމުގެ ޒިންމާ މެންބަރުންގެ ބޮލުގައި އެޅުވުމަށް. މިހާރު ވެސް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލުން އެކަން ކުރެވޭނެ،" މުއްތަލިބު ވިދާޅުވި އެވެ.
ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކު ވިދާޅުވީ، އެފަދަ ގާނޫނުތަކަކީ ދިވެހި ރާއްޖޭގެ މުދާ ބޭރު ގައުމުތަކަށް ވިއްކާ ލުމުގެ ގޮތުން ހުށަހަޅާ ގާނޫނުތަކެއް ކަމަށެވެ. ފައިސާ ދީގެން މަޖިލީހުގެ މެންބަރުން ގެންގޮސްގެން، ބޭނުންހާ ގޮތަކަށް ރާއްޖޭގެ ކަނޑައި ފަޅުތައް ވިއްކާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފޮރިން އިންވެސްޓްމެންޓާ ބެހޭ ގާނޫނު އުވާލައިފި ނަމަ ކޮންޓްރޯލެއް ނެތި، އެތައް މިތަނުން މީހުން އައިސް އިންވެސްޓްކުރުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް ބަނގުރޫޓޫވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެ އަޑިއަށް ދަނިއްޔޭ ވިދާޅުވެ ބައިނަލްއަގްވާމީ މީޑިޔާގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމުގެ ސަބަބުން، ފޮރިން އިންވެސްޓަރުންގެ ކުރިމަތީގައި ރާއްޖޭގެ އިތުބާރު ގެއްލިފައިވާ ކަމަށާއި އެކަން ރަނގަޅު ކުރެވޭނީ ކުރިން މަސައްކަތް ކުރި ގޮތަށް އެކުވެރިކަމާ އެކު ތަރައްގީއަށް މަސައްކަތްކޮށްގެން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފޮރިން އިންވެސްޓްމެންޓާ ބެހޭ ގާނޫނު އުވާލުމުގެ ބިލުގެ ބަހުސް ދޭތެރެ ދޭތެރެއިން ހޫނުވެގެންދިޔަ އެވެ. އެގޮތުން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ މަނިކަށް 21 މިލިޔަން ޑޮލަރަށް ތިލަފުށީގެ ފަޅުން ބައެއް ހިއްކުމަށް ދިނުމުގެ އިތުރުން، އެނބޫދޫ ފަޅުންބައެއް ހިއްކުމަށް ދޭން ހަމަޖެހިފައިވާ ކަމަށާއި ގާނޫނު އުވާލުމަށް އަލްހާން ހުށަހަޅުއްވާފައި ވަނީ "ބޮލުރޮދި ކެނޑިގެން" ކަމަށް ވިދާޅުވެ ނިހާނު ވަރަށް ބޮޑަށް ފާޑު ވިދާޅުވުން، ދުވެވަޑައިގެން ނިހާނާއި ދިމާލަށާއި މަޖިލީހުގެ ރިޔާސަތާ ދިމާލަށް އަލްހާން ވަޑައިގެން ވަނީ އަޑުގަދަ ކުރައްވައިފަ އެވެ. އަދި މޫސާ މަނިކު ވެސް ތަކުރާރުކޮށް މަޖިލީހުގެ ގަވާއިދާ ހިލާފް ވުމުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ރިޔާސަތުން އެ މެންބަރުންނަށް އެންގެވި އެވެ. ނަމަވެސް އެއްވެސް މެންބަރެއްގެ ނަން އިއްވަވާފައެއްނުވެ އެވެ.
ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އަލްހާން ވިދާޅުވީ، ފޮރިން އިންވެސްޓްމަންޓް ގާނޫނު އުވާލުމަށް ސަރުކާރުން ހުށަހަޅުއްވީ، މިޒަމާނުގެ ގަލޯބަލް އިކޮނޮމީގެ ސިސްޓަމަށް ނުފެތޭތީ ކަމަށެވެ. އަދި އެ ބިލަކީ ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ތެރޭގައި ހިމެނޭ ބިލެއް ކަމަށާއި އެ ގާނޫނު އުވާލައި ފޮރިން އިންވެސްޓްމަންޓަށް ފުރުސަތު ހުޅުވާލެވިގެން ނޫނީ ގައުމު ތަރައްގީ ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.