28 Feb 2018, 09:10
ކާމިޔާބު 'ވަން ޑައިރެކްޝަން'ގެ ކުރީގެ މެމްބަރު ޒޭން މަލިކް މިހާރު އަންނަނީ އޭނާގެ ދެވަނަ ސޯލޯ އަލްބަމްގެ މަސައްކަތް ކުރަމުންނެވެ. އަލްބަމްގެ މަސައްކަތް ކުރަމުން ޒޭން އަންނަނީ ބޮލީވުޑަށް އޭނާގެ ޝައުގުވެރިކަން ހުންނަ މިންވަރު ހާމަކުރަމުންނެވެ.
އެގޮތުން މިދިޔަ އަންގާރަ ދުވަހު ޒޭން ވަނީ އޭނާ ކިޔައިފައިވާ ހިންދީ ލަވައެއްގެ ކަވަރއެއް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.
ޒޭން ކިޔައިފައި ވަނީ 2006 ވަނަ އަހަރު ރިލީޒް ކުރި، ބޮލީވުޑްގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ކެއިލާޝް ޚޭރުގެ އެންމެ ހިތްގައިމު އެއް ލަވަ، "ތޭރީ ދީވާނީ" އެވެ.
ބޮލީވުޑް މިޔުޒިކަށް ލޯބިކުރާ، ޕާކިސްތާނު ދަރިފަސްކޮޅަށް ނިސްބަތްވާ ޒޭން ވަނީ ވަރަށް ފަހުން އިންޑިއާގެ ފެޝަން މެގަޒިން އަކާއެކު ޝޫޓެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެއީ އިންޑިއާ މެގަޒިނެއްގެ ބޭރުގަނޑުން ޒޭން ފެނިގެންދާ ފުރަތަމަ ފަހަރެވެ.
އެލް އިންޑިއާއަށް ދިން އިންޓަވިއުގައި ޒޭން ވަނީ ހިންދީ ފިލްމުތައް ވަރަށް ބޮޑަށް ކަމުދާ ކަމަށް ބުނެފައެވެ. އެގޮތުން އޭނާއަށް އެންމެ ރީތީ ކަރަން ޖޯހަރުގެ "ކަބީ ޚުށީ ކަބީ ގަމް" ކަމަށް ބުންޏެވެ.
ޒޭން ބުނީ އެ ފިލްމުގެ މިޔުޒިކް ވަރަށް ފުރިހަމަ ކަމަށާއި، ފިލްމުގައި ފެނިގެން ދިޔައީ ވަރަށް މޮޅު ފަންނާނުން ކަމަށެވެ. "ކަބީ ޚުށީ ކަބީ ގަމް' އަކީ ޒޭން ކުޑައިރު އެންމެ ގިނައިން ބެލި ފިލްމެވެ.
އޭގެ އިތުރުން ސަންޖޭ ލީލާ ބަންސާލީ ގެ 'ދޭވްދާސް' ވެސް ވަރަށް ކަމުދާ ކަމަށް ޒޭން ބުންޏެވެ. ޒޭން އަށް އެންމެ ކަމުދާ ހިންދީ ލަވަ އަކީ ފިލްމު "ދިލް ސޭ" ގައި ހިމެނޭ "ޗައްޔަ ޗައްޔާ" އެވެ.
އުމުރުން 25 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ ވަރަށް ފަހުން ހިންދީ ލަވައެއް ރެކޯޑު ކޮށްފައެވެ. ލަވައިގައި އަރަބި ގޮތެއް ހުންނާނެ ކަމަށް ބެލެވެ އެވެ. ޒޭން ބުނީ މީހުން ލަވަ އާއި ދޭތެރޭ ދެކޭގޮތް ބަލަން ކެތްމަދުވެފައި ހުރި ކަމަށެވެ.
ޒޭންގެ އިތުރުން ޒޭންގެ ބައްޕަ އަކީ ވެސް ބޮލީވުޑަށް ފޯރި ހުންނަ މީހެކެވެ. ޒޭން ވަނީ އޭނާގެ ބައްޕަ އާއި ބޮލީވުޑް ލެޖެންޑު ދިލިޕް ކުމާރު އެކުގައި ނަގައިފައިވާ ފޮޓޯ އެއް ވެސް އިންސްޓަގްރާމް ކޮށްފައެވެ.