22 Aug 2011, 15:57
ޗެމްޕިއަންސް ލީގު ކޮލިފައިންގެ ދެވަނަ ލެގުގައި ޔުދިނޭސީ އާއި ދެކޮޅަށް އާސެނަލް ކުޅޭ މެޗްގައި ބައިވެރި ނުވުމަށް އެޓީމު މިޑްފީލްޑަރު ސާމިރު ނަސްރީއަށް މެންޗެސްޓާ ސިޓީގެ ކޯޗް މަންޗިނީ އިންޒާރު ދީފިއެވެ. ނަސްރީ ޗެމްޕިއަންސް ލީގު ކޮލިފައިންގައި ބައިވެރިވެއްޖެނަމަ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެހެން ކުލަބަކަށް ނުކުޅެވޭނެ އެވެ.
ނަސްރީ ހޯދަން 25 މިލިޔަން ޕައުންޑުގެ އަގެއް މެންސިޓީއިން ހުށަހަޅާފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނަމުންދާއިރު، ނަސްރީ އާސެނަލުގައި މަޑުކުރާނެ ކަމަށް ބުނާ ރިޕޯޓްތައް ވެސް އުޅެ އެވެ. އާސެނަލާއެކު ނަސްރީ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއްއަހަރު އޮތްއިރު މެންސިޓީގެ ކޯޗް މަންޗިނީ ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަސްތެރޭ ކުލަބަށް ނަސްރީ ގެނެވިދާނެ އެވެ. ނުވަތަ އެކަމާމެދު ގޮތެއް ނިންމޭނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޕްރެމިއާ ލީގު މެޗުގައި އާސެނަލާއި ލިވަޕޫލް ބައްދަލުކުރި މެޗްގެ ފުރަތަމަ 11 އިން ވެސް ފެނިފައިވާ ނަސްރީ، އަންނަ ބުދަ ދުވަހު އެޓީމު ޔުދިނޭސީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ކޮލިފައިން މެޗަށް ނަގާފައިވާ ސްކޮޑުގައި ވެސް ހިމަނާފައި ވެއެވެ.
"ކުރިއަށް އޮތް ދެ ދުވަސްތެރޭ ނަސްރީގެ ސޮއި ހޯދޭނެ ކަމުގެ އުންމީދު ބޮޑު. އޭނާ ޗެމްޕިއަންސް ލީގު ކޮލިފައިންގައި ބައިވެރިވެއްޖެނަމަ ބޮޑެތި މައްސަލަތަކަކާއި ކުރިމަތިވާނެ." މެންސިޓީ ކޯޗް މަންޗިނީ ބުންޏެވެ.