ރާއްޖެއަށް މިފަހުން ދިމާވި ދަތިއުދަނގޫ ތަކުގައި ސުޕްރީމް ކޯޓުގެ ތެރެއިން ރައީސް ޔާމީން ހައްލެއް ހޯއްދެވި ގޮތުގެ ނަމޫނާ ނަގައިގެން އިދިކޮޅު ފަރާތްތަކުން ވެސް ކާމިޔާބު ހޯއްދެއްވުމަށް އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރު ގޮވާލައްވައިފިއެވެ.

"ސަލާމަތީ ބާރުތަކާއެކު ރައްޔިތުން"ގެ ނަމުގައި، ރައީސް ޔާމީން ކެމްޕެއިން އޮފީސް ބޭރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އާމިރު ވަނީ ސުޕްރީމް ކޯޓުގައި ވަކާލާތުކޮށްގެން ކާމިޔާބު ހޯއްދެއްވުމަށް ވެސް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފައެވެ.

"އެމަނިކުފާނުވެސް މަސައްކަތްކުރެވީ ދިމާވި ދަތިހާލަތުގައި ވެސް ސުޕްރީމް ކޯޓުގެ ތެރެއިން ހައްލެއް ހޯދުމަށްޓަކާ، އެއީ ނަމޫނާއެއްގެ ގޮތުގައި ބަލައިގެން އިދިކޮޅު ފަރާތްތަކުން ވެސް ... ވަކާލާތު ކޮށްގެން ހޯދާށޭ،" ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އާމިރު ވިދާޅުވި އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގާނޫނު އަސާސީގެ ދެވަނަ ބާބު ކަމަށްވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބަށް އިޝާރާތްކުރައްވައި އާމިރު ވިދާޅުވީ، އެބާބުގެ އެންމެ ތަންކޮޅެއް ނަގައިގެން އިދިކޮޅު ފަރާތްތަކުން ވާހަކަދައްކާއިރު ގާނޫނު އަސާސީގެ 67 މާއްދާގައި ބުނާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއް ހުރިކަން ދަންނަންޖެހޭ ކަމަށެވެ.

އެގޮތުން އެ މާއްދާގެ (ނ)ގައި މުޖުތަމައުގެ ދުޅަހެޔޮކަމާއި ތަރައްގީއަށްޓަކައި މަސައްކަތްކުރަންވާނެ ކަމަށް ބުނެފައި އޮތްނަމަވެސް ރައީސް ކުރައްވާ މަސައްކަތް ކިތައް މީހުންނަށް ފެނޭތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 67 ވަނަ މާއްދާގެ (ރ)އާ ޚިލާފުވެ ބޭރުގެ އެހީތެރިކަމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާކަމަށާއި އެފަދަ ކަމަކަށް ގޮވާލައިގެން ކިތައް މީހުން ޝަހީދުވެގެން ގޮސްފައިވާކަން ނޮވެމްބަރު 3، 1988 ވަަނަ އަހަރު ހިނގި ހާދިސާއިން އެނގިގެންދާނެ ކަމަށެވެ. އެއީ މިފަސްގަނޑަށް ލޯބިހުރި ރައްޔިތަކު ގޮވާލާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މިއަދު ތަކުރާރުކޮށް އަޑުއިވިގެން މިދަނީ އެކިއެކި ސަބަބުތަކައްޓަކައި ހުރެ ނަމަވެސް ތިމާގެ އަމިއްލަ ބޭނުން ވަކި ގޮތަކަށް ހާސިލް ކުރުމަށްޓަކައި ނަމަވެސް ބޭރުގެ އެހީތެރިކަމަށް ގޮވާލަމުންދާތަން. ހަނދާންކޮށްލަންޖެހޭ ބޭރުގެ އެހީތެރިކަމަށް ގޮވާލައިގެން މިއަދު ރައީސުލްޖުމްހޫރިއްޔާ ގަޔަށް ބަޑި ޖަހަން ގެނެސްފިނަމަ މިގައުމުގެ ކިތަންމެ މީހުން ޝަހީދުވެގެން ހިނގައިދާނެތޯ؟،" އާމިރު ވިދާޅުވި އެވެ.

އާމިރު އެ ފާހަގަކުރައްވާ ގާނޫނު އަސާސީގެ 67 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ، ރާއްޖޭގެ ސިޔާދަތާއި ރައްޔިތުންގެ އެއްބައިވަންތަކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަމާއި ގައުމުގެ ޝަރަފް ހިފެހެއްޓުމަށްޓަކައި މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ރޭގެ ޖަލްސާގައި އާމިރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބުނާ ބައެއް ނުކުތުތާ ތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

އެގޮތުން އެމާއްދާގެ (މ) އަދި (ފ) ގައި ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭ ބާވަތުގެ މުއާހަދާއެއް ފިޔަވައި އެހެން މުއާހަދާއެއްގައި ސޮއިކުރުމުގެ ބާރާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގައި ބޭރު ގައުމުތަކާއެކު ގުޅުން ގާއިމްކުރުމަކީ ރައީސަށް ލިބިދީފައި އޮތް ބާރެއްކަމަށެވެ.

އެ މާއްދާގެ މައްޗަށް އަލިއަޅުވާލައްވައި އާމިރު ވާހަކަފުޅު ދެއްކެވީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ބާރުތަކެއް ގަނޫނު އަސާސީން ލިބިދީފައިވާކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ނުކުރެވެންވީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށް ވިދާޅުވެ، އެކަމަށް އާމިރު ރޭ ރައްދު ދެއްވިއެވެ.

އޭނާ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަކީ އެއީ އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ގޮތެއް ނެތިއްޖެ ހާލަތެއްގައި މެނުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ ބޭފުޅަކު ދުރުކުރުމަށް މަސައްކަތްކުރުމަކީ ކިިހާވަރެއްގެ ކަމެއްކަން ގާނޫނު އަސާސީން އެނގެން އޮންނާނެ ކަމަށް އާމިރު ވިދާޅުވިއެވެ.