މިދިޔަ ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ ސުުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ދިވެހީންގެ މިނިވަންކަން ނުގެއްލި ސަލާމަތްވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެޅުއްވި ހަރުދަނާ ފިވަޅުތަކުގެ ސަބަބުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

"ސަލާމަތީ ބަރާތަކާއެކު ރައްޔިތުން" މި ނަމުގައި ރޭ ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ، މިނިވަންކަން ގެއްލިދާނެ ގިނަ ކަނަތައްތަކެއް ރާއްޖެއަށް ކުރިމަތިވި ކަމަށާއި ނަމަވެސް އެ ކަންތައްތަކުން ދިވެހީން ސަލާމަތްކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ.

ރިޔާޒު ވިދާޅުވީ، ޖީއެމް އާރު އަތުން އޭރުގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

ޖީއެމްއާރުއަތުން އެ އެއާޕޯޓު އަތުނުލިނަމަ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ އަމުރު ނެރުނު އިރު، އެއާޕޯޓަށް ބޭރުގެ ހަތިޔާރު އެޅި ސިފައިން ބަނދަރު ކުރާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި އެހިސާބުން ދިވެހީންގެ މިނިވަންކަން ގެއްލިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސްގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެމަނިކުފާނަށް ސެލިއުޓު ކުރުން ހައްގު ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން އެޅުއްވި ފިޔަވަޅުތަކަށް ކިޔަމަންވެ ދިވެހި ގައުމުގެ އިސްތިގްލާލް ދެމެހެއްޓުމަށް ސިފައިންނާއި ފުލުހުންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބފައިވާތީ އެ ފަރާތްތަކަށް ރިޔާޒު ވަނީ ޝުކުރު އަދާކޮށް ތައުރީފުގެ ބަސްތައް އަމުނާލައްވާފައެވެ.

"އެދުވަހު އެ ފިޔަވަޅުތައް ނޭޅުއްވިނަމަ އަޅުގަނޑުމެންގެ މިނިވަންކަމެއް ނޯންނާނެ. އެރޭ އެ ބުނާގޮތަށް ކަންތައް ވެގެންދިޔަނަމަ އަޅުގަނޑުމެންގެ ހާލަތު ކިހިނެއްތޯ ވެގެން ދާނީ. ޔަގީނުން ވެސް މިތަނުގައި މިނިވަންކަމެއް ނޯންނާނެ،" ރިޔާޒު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ރާއްޖޭގެ ސަލަމަތީ ބާރުތަކުގެ މަސައްކަތްތަކަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ދިވެހި ކޮންމެ ސިފައިންގެ މީހަކާ ފުލުހަކަށް ސެލިއުޓު ކުރަން ހައްގު ކަމަށެވެ. އަދި މިހާރުވެސް އެ ތިބިގޮތުގައި ދިވެހީންގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރުން މަތީ ދެމި ތިބުމަށް އަބްދުއްރަހީމް ވަނީ ސަލާމަތީ ބާރުތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.