28 Feb 2018, 09:06
ހުސްވި ޖެނުއަރީމަހުގެ ނިޔަލަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ މާކެޓްކެޕިޓަލްގެ ގޮތުގައި 15 ބިލިއަން ރުފިޔާ ހުރިކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު އަދި މޯލްޑިވްސް މާކެޓް ޑިޕޮސިޓްރީގެ ޗެއާމަން އަލާއު އަލީ ވިދާޅުވެއްޖެއެވެ.
ސްޓޮކް އެކްސްޗޭންޖުގެ 10 ވަނަ އަހަރީދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލާއު ވިދާޅުވީ 2008 ވަނަ އަހަރު ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ފަށައިގަތްއިރު މޯލްޑިވްސް ސްޓޮކް އެކްސްޗޭނުންޖުގެ މާކެޓް ކެޕިޓަލްގެ ގޮތުގައި ހުރީ 2.9 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިއަދުގެ ނިޔަލަށް 16.12 ބިލިއަން ރުފިޔާ މާކެޓް ކެޕިޓަލްގެ ގޮތުގައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސްޓްރީގައި 32000 ޑިޕޮސްޓްރީ އެކައުންޓު އެބަހުރި ކަމަށާއި ސްޓޮކް އެކްސްޗޭންޖުގެ ތާރީޚަށް ބަލާއިރު ހުސްވި އަހަރަކީ އެންމެ ކާމިޔާބު އަހަރުކަމަށް އަލާއު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރައްވަމުން އަލާއު ވިދާޅުވީ މިދިޔަ އަހަރު އެންމެ ފުރަތަމަ އެޗްޑީއެފްސީ އިން ސުކޫކު ވިއްކި ކަމަށާއި، އެމްޓީސީސީ އިން ރައިޓްސް އިޝޫކޮށް، ސެންޗޫރިއަން އާއި އުރީދޫ އިން އާންމުންނަށް ހިއްސާ ވިއްކަން ފެށިކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ފާއިތުވި 10 އަހަރު ސްޓޮކް އެކްސްޗޭންޖަށް އެކި ގޮތްގޮތުން ހިދުމަތްކުރެއްވި ބޭފުޅުންނަށް ވަނީ ހަނދާނީ ފިލާ އަރުވައިފައެވެ.
މީގެ އިތުރުން މިދިޔަ އަހަރު އަނިޔާވެރިގޮތަކަށް މަރާލި ޔާމީން ރަޝީދުގެ ފަރާތުން އެ ކުންފުންޏަށް ލިބުނު ޚިދުމަތް ފާހަގަކޮށް ޔާމީން ރަޝީދަށް ވަނީ ޚާއްސަ ފިލައެއް ދީފައެވެ.
ސްޓޮކް އެކްސްޗޭންޖުގެ ހުރިހާ ކަމެއްވެސް އޮންލައިންކޮށް ކުރެވޭނެ ގޮތަކަށް ހަމަޖެއްސުމަށް ސްޓޮކް އެކްސްޗޭންޖުން ޑިވެލޮޕްކުރި "އިންފިނިޓީ" ޑިވެލޮޕްކުރުމުގައި ޔާމީން ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ.
ކެޕިޓަލް މާކެޓަށް ކުރެއްވި ހިދުމަތުގެ އަގު ވަޒަންކޮށް، މިހާރުގެ ގަވަރުނަރު އަހުމަދު ނަސީރަށްވެސް ވަނީ ހާއްސަ ފިލައެއް އަރުވައިފައެވެ.
ސްޓޮކް އެކްސްޗޭންޖު ފަށައިގެން އައިއިރު ލިސްޓުކޮށްފައި އޮތީ އެންމެ ހަތަރު ކުންފުނި ނަމަވެސް މިހާރު ނުވަ ކުންފުންޏެއް ވަނީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައެވެ. އިތުރ ކުންފުނިތަކުންވެސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށް، ކެޕިޓަލް ރެއިޒް ކުރުމަށް އެމްއެސްއީ އިން ވަނީ ދައުވަތު ދީފައެވެ.