ރިޔާސީ އިންތިޚާބުގައި އެއްބުރުން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވާގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހުގެންނަން އޭނާ ބޭނުންވާ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ސަން ޓީވީގެ "ގާނޫނުގެ ވެރިކަން" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ ކުރިއައް އޮތް ރިޔާސީ އިންތިހާބްގައި އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކަށް ފުރަތަމަ ބުރުން ވެރިކަން ލިބޭނެ ގޮތް ވުމަކީ ދުނިޔޭގެ ކުރި އަރާފައިވާ އެހެނިހެން ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަމަށާއި އެގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ވިސްނުން އޭނާގެ އެބަހުރި ކަމަށެވެ.

މުބީން ވިދާޅުވީ އެއީ ޕީޕީއެމްގެ ވިސްނުމެއް ނޫން ކަމަށާއި ނަމަވެސް ޕީޕީއެމްގެ އިސް ބޭފުޅުންނާ ވާހަކަދައްކައިގެން އެބޭފުޅުންގެ ތާއިދު ލިބެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް އެއީ. އަޅުގަނޑު އެކަމަށް އެބަ ލޮބީ ކުރަން އެކި މެންބަރުންގެ ތާއީދު ލިބޭތޯ. އިސްލާހު ހުށެހެޅުމަށް ފުރުސަތު ލިބިއްޖެނަމަ އެކަން އަޅުގަނޑު ކުރާނަން،" މުބީން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކަށް ރައިސުލްޖުމްހޫރިއްޔާގެ މަގާމު ލިބޭ ގޮތަށް ގާނުނަށް އިސްލާހު ހުށަހަޅާނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ފުރިހަމަ ތާއިދު ލިބެއްޖަ ނަމަ ކަމަށް މުބީން ވިދާޅުވިއެވެ.

މުބީން އެހެން ވިދާޅުވިއިރު ގާނޫނު އަސާސީގެ 111 ވަނަ މާއްދާގައި ބެނެފައިވަނީ ރައިސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިޚާބުވާނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓު އެ މީހަކަށް ލިބިގެން ކަމަށެވެ. އަދި ފުރަތަމަ ބުރުން ފަންސާސް އިންސައްތަ ނުލިބެއްޖެ ނަމަ އެންމެ ގިނަ ވޯޓް ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.

އަދި ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ކަމަށް ވެސް ގާނޫނު އަސާސީގައި ވަނީ ބުނެފައެވެ.

ޕީޕީއެމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މިހާރުން ފެށިގެން ކެމްޕޭން ކުރަމުން އަންނައިރު އެ ޕާޓީގެ އިސްވެރިން ބުނަމުން އަންނަނީ އެއް ބުރުން އިންތިޚާބު ކާމިޔާބުކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެވަނަ ދައުރަށް އިންތިޚާބު ކުރާނެ ކަމަށެވެ.