މިދިޔަ އާދީއްތަ ދުވަހު ފްރާންސް ލީގުގައި ޕީއެސްޖީއާއި މާސޭ ވާދަކުރި މެޗުގައި ނޭމާ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއިން ސަލާމަތްވުމަށް ސާޖަރީއެއް ހަދަން ނުޖެހޭ ކަމަށް ޕީއެސްޖީގެ ކޯޗު އުނައި އެމްރޭ ބުނެފިއެވެ.

ޕީއެސްޖީގެ ކްލަބު ޑޮކްޓަރުންނާ ހަވާލާދީ އެމްރޭ މިހެން ބުނެފައިވަނީ ނޭމާ ފައިގެ ކުޑަހުޅުގެ މަޑު ކަށިތަށް ފްރެކްޗާވެފައިވާތީ ސާޖަރީއަށް ހަދަން ޖެހޭ ކަމަށް މީޑިއާގައި އަޑު ފެތުރިފައިވަނިކޮށް އެކަން ދޮގުކުރުމަށެވެ.

"ނޭމާ ބޭނުންވަނީ ހުރިހާ މެޗެއްވެސް ކުޅެން. އޭނާ ބޭނުންވަނީ ރެއާލްއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގައިވެސް ކުޅެން. އެ މެޗުގައި ނޭމާ ކުޅޭނެ ކަމުގެ ކުޑަ އުންމީދެއް އެބައޮތް،" އެމްރޭ ބުންޏެވެ.

ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގުގައި ޕީއެސްޖީއާއި ރެއާލް މެޑްރިޑް ވާދަކުރާ މެޗު ތާވަލު ކުރެވިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހަށެވެ. އެ ދެޓީމު ރެއާލްގެ ދަނޑުގައި ކުޅުނު މެޗު، ރެއާލްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަށްފަހު ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ނޭމާ ޕީއެސްޖީއަށް ބަދަލުވީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައެވެ.

އަންނަ ޖޫން މަހު ރަޝިއާގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ބްރެޒިލްގެ ޓީމަށްވެސް މުހިއްމު ނޭމާގެ އަނިޔާއާ ގުޅިގެން މީޑިއާގައި އެންމެ ބާރަށް ފެތުރިފައިވަނީ އޭނާއަށް ސާޖަރީއެއް ބޭނުންވާނެ ކަމުގެ ވާހަކައެވެ.