27 Feb 2018, 19:05
އިދިކޮޅު ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްގެންދިޔަ މުޒާހަރާގައި މާސްކު ބެހި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާ ފުލުހުން ސުވާލު ކޮށްފިއެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމު ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބޭއްވި އެއްވުމުގެ ތެރެއިން މަހުލޫފު ހައްޔަރުކޮށްފައިވަނީ އެ ރޭ އެމްޑީޕީ ޖަގަހަ ތެރޭ ހުންނަވަނިކޮށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނިކޮށް މި މަހުގެ 22 ވަނަ ދުވަހުގެ ރޭ އެއްވުން މަނާ ސަރަހައްދަކަށް އެއްވެ، މާލޭތެރޭގެ އަމާންކަން ނަގާލައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށް އާންމު ޓްރެފިކަށް ތަދިވާގޮތަށް މުޒާހަރާކޮށް ފުލުހުން ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތު ފުލުހުން އޭނާގެ މައްޗަށް ކުރެއެވެ.
މަހްލޫފުގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސަތާރު "ސަން" ވިދާޅުވީ މިއަދުގެ ވަގުތެއްގައި ފުލުހުން މަހްލޫފުގެ ބަޔާން ނަގާފައިވާ ކަމަށާއި މުޒާހަރަގެ ތެރެއިން މާސްކު ބެހި މައްސަލައާ ގުޅިގެން މިއަދު ކުރި ސުވާލަށް މަހުލޫފް ޖަވާބުދެއްވާފައިވާ ކަމަށެވެ.
"ސުވާލު ކުރުމުން މަހުލޫފު ވިދާޅުވީ މާސްކު ބެހީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ މަގްސަދުގައި ނޫން ކަމަށް. އޭނާ ވިދާޅުވީ މާސްކު ބެހީ މުޒާހަރާގެ ބައިވެރިން ޕެޕާ ސްޕްރޭއިން ސަލާމަތް ކުރުމަށް ކަމަށް. އަދި މީގެ ކުރިން މީޑިއާގެ ބޭފުޅުންނަށް ވެސް މާސްކު ބަހާފައިވާނެ ކަމަށް މަހުލޫފު ވިދާޅުވި،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މަހްލޫފު މިވަގުތު ހުރީ ދޫނިދޫ ޖަލުގައި ކަމަށާއި އޭނާގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު މިހާރު ދީފައިވާ ކަމަށެވެ.